ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ސަރުކާރުގެ އޮފީސްތަކުގައި ތިބި މުވައްޒަފުންގެ އަދަދު ދެނެގަނެ، މުވައްޒަފުން އިތުރުވެފައިވާ ތަންތަނުން މަދު ތަންތަނަށް މުވައްޒަފުން ބަދަލުކުރުމަށްޓަކައި ހާއްސަ އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ނޭޝަނަލް ޕޭ ކޮމިޝަން ގުޅިގެން ކުރިއަށް ގެންދާ މި އޮޑިޓަށް ފަހު، މުވައްޒަފުން އެންމެ ބޮޑަށް ބޭނުންވެފައިވާ މުއައްސަސާތަކަށް މުވައްޒަފުން އަލުން ބަދަލުކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވަނީ، މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅަމުންދާ އިސްލާހީ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަ ކުރަށްވާފައެވެ. އަދި މި އޮޑިޓްގެ ތެރެއިން ސަރުކާރުގެ އެކި އިދާރާތަކުގައި މުވައްޒަފުން ތިބީ އެ ތަންތަނުގެ މަސައްކަތުގެ ނިސްބަތުން ހަގީގަތުގައިވެސް ބޭނުންވާ އަދަދަށްތޯ ވަރަށް ރަނގަޅަށް ވަޒަންކުރެވިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު މިހާރު 34،000 އިން މައްޗަށް އަރާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގައި ނުވަތަ ވަކިވާ މުވައްޒަފުންގެ ބަދަލުގައި މީހުން ނެގުމުގައި އަމަލުކުރާނީ ކޮންމެހެން ބޭނުންތެރި މަޤާމުތަކަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލީ ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މާލީ އަދި އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަންނަ އަހަރަށް އަލަށް އެއްވެސް މަގާމެއް ނުއުފެއްދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު