ސައުދުﷲ އަހުމަދު
ސައުދުﷲ އަހުމަދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ގދ. އަތޮޅުގެ މެންބަރުކަމަށް ވާދަކުރައްވާ ސައުދުﷲ އަޙްމަދު، ޕާޓީއާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދެއްވައިގެން މުހިންމު ސިޔާސަތުތަކަކާއި ވަޢުދުތަކެއް އިޢުލާނު ކުރައްވައިފިއެވެ.

ސިޔާސީ ގޮތުން މިނިވަން ފިކުރެއްގައި އަބަދުވެސް ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ދެމިހުންނަވާނެކަން ހާމަކުރައްވަމުން ސައުދުﷲ ވިދާޅުވީ، މި އިންތިޚާބީ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ވެރިކަމެއް އަލުން އިއާދަކުރުމަށް މަގުފަހިކުރުން ކަމަށެވެ.

މީގެއިތުރުން، ގދ. އަތޮޅަކީ އަބަދުވެސް އެމްޑީޕީގެ ވަރުގަދަ ބާރެއްގެ ގޮތުގައި ދަމަހައްޓައި، ޕާޓީގެ ސަފުތައް ބަދަހިކުރުމަށްޓަކައި ހުރިހާ މެންބަރުންނާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. އަދި ޤައުމީ މަޖިލީހުގައި އަތޮޅުގެ ރައްޔިތުން ތަމްސީލުކޮށް، އެ ރައްޔިތުންގެ އަޑު އެންމެ މަތީ ފަންތީގައި އިއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިޚާބު ކާމިޔާބުވެއްޖެނަމަ މަސައްކަތްޕުޅު ކުރިއަށްގެންދަވާނެ ގޮތުގެ ތަޞައްވުރު ހާމަކުރައްވަމުން ސައުދުﷲ ވިދާޅުވީ، ކޮންމެ ތިން މަހަކުން އެއްފަހަރު ގދ. އަތޮޅުގެ މީހުން ދިރިއުޅޭ 9 ރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ޙާލަތު ގާތުން ބައްލަވާނެ ކަމަށެވެ. އަދި ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ރަށު ފެންވަރުގައި ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ތަންފީޛުކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަޒުމް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު