އިންޑިއާ ގައި ފުރާވަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް، އަނިޔާކުރުމަށްފަހު، ގަދަކަމުން ޕެޓްރޯލް ބޯން މަޖުބޫރުކޮށް އޭނާގެ ހަށިގަނޑުގައި އަލިފާން ރޯކޮށްލި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު، ދެކުނު ކޮލްކަތާގެ ގަރްފާ ސަރަޙައްދުގައެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ ކުއްޖާއަށް މި ހަމަލާ އަމާޒުވީ މަސައްކަތް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި، ކުޅިއެއް ކައިރީގައި އޮތް ފަޅު ތަނަކަށް އޭނާ ގެންދިއުމަށް ފަހުގައެވެ.

ހަމަލާދިން މީހުން ވަނީ އެ ކުއްޖާގެ ލޯ ބަންދުކޮށް، ބޮލަށް ހެލްމެޓެއް އެޅުވުމަށްފަހު އަނިޔާކޮށް، ގަދަކަމުން ޕެޓްރޯލް ބޯން މަޖުބޫރުކޮށްފައެވެ. އަދި އެކަމާ އެ ކުއްޖާ ދެކޮޅު ހެދުމުން، އޭނާގެ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ހަށިގަނޑުގައި ހުޅުޖެހި ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުރާނަ ސަލާމަތްކުރުމަށްޓަކައި އެ ކުއްޖާ ވަނީ އަނދަމުންދިޔަ އަންނައުނުތައް ހަށިގަނޑުން ވަކިކޮށް، އެތަނުން ފިލަން މަސައްކަތްކޮށްފައެވެ. އެ ސަރަޙައްދުގެ އާންމުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. މި ހާދިސާގައި އޭނާގެ މޭމައްޗާއި ބަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

މި މައްސަލައިގައި އިސްކޮށް އުޅުނު މީހާ ހިމެނޭހެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ 18 އަހަރު ނުފުރޭ ދެ ކުއްޖަކުވެސް ވަނީ ހިފަހައްޓާފައެވެ.

މި އަނިޔާވެރި އަމަލު ހިންގަން މެދުވެރިވި ސަބަބު ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ މީސްމީޑިއާއަށް ވީޑިއޯއެއް ތައްޔާރުކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ބުނަނީ މިއީ 500 ރުޕީސްގެ ދަރަންޏަކާ ގުޅިގެން ހިނގި ދެބަސްވުމެއްގެ ނަތީޖާ ކަމަށާއި، އެ ފައިސާ ކުރިންވެސް އަނބުރާ ދައްކާފައިވާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގި ގޮތުގެ ތަފުސީލާއި، މައްސަލައިގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.

މީސްމީޑިއާގެ ސަމާލުކަން ހޯދުމަށް މިފަދަ ނުރައްކާތެރި އަދި އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށް ބެލެވޭތީ، މި މައްސަލައާ ގުޅިގެން މުޖުތަމަޢުގެ ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު