ފޮޓޯ: ރަސް އޮންލައިން
ފޮޓޯ: ރަސް އޮންލައިން
އިއްޔެގެ މެންދުރުފަހުން ފެށިގެން ރޭގެ 9:30 އާ ހަމައަށް ގއ. ކޮލަމާފުށިއަށް ވަރަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ 85 ޕަސެންޓު ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވުމާއި ގުޅިގެން ރަށް އާންމު ހާލަތަށް ގެނައުމަށް ރަށު ކައުންސިލުން ކޮންޓްރޯލް ސެންޓަރެއް ހަދައިފިއެވެ.

"ރަސް" އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ ރައީސް މުއްސަދު ސައީދު ވިދާޅުވީ، ހާލަތު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ރަށު ކައުންސިލުން މިހާރު ވަނީ ކޮންޓްރޯލް ސެންޓަރެއް ހަދައި، ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.

އަދި މި މަސައްކަތުގައި ރަށު ސކޫލާއި، ފުލުހުންގެ އިތުރުން ރަށަށް ގޮސް އުޅޭ އެމްއެންޑީއެފްގެ ޓީމާއި އެމްޓީސީސީގެ ޓީމުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު މެންދުރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ފެނުގެ އަސަރު ކުރުމުގެ ސަބަބުން ބައެއް ގެތަކުން ކަރަންޓު ކެނޑި، ބައެއް ގެތަކުގެ ފާހާނާ ފުރިގެން ނަޖިސް ބޭރުވުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވަނީ މަގުތަކުން މިހާރު ފެން ހިއްކާފައިވީ ނަމަވެސް، ގިނަ ގެތަކުން އަދިވެސް ފެން ހިއްކިފައި ނުވާ ކަމަށެވެ.

އަދި ހާލަތު އެންމެ ގޯސްވި އެއްގޭގެ ފާހާނާ ފުރިގެން ނަޖިސް ބޭރުވެފައިވާއިރު، ރެއިން ފެށިގެން އެ ގެއިން ކަރަންޓު ވެސް ކެނޑިފައިވާތީ، ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން އެ ގެއަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު