މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިން ބާނާ މަހުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށާއި، މި ދާއިރާއިން ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ވަޒީރު މިކަމަށް ގޮވާލެއްވީ، ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސާންޔާގައި ކުރިއަށްދާ "7 ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސް" ގެ އިފްތިތާހީ ރަސްމިއްޔާތުގައެވެ. މި ބައްދަލުވުމުގައި ވަޒީރު ތަގުރީރު ކުރެއްވީ "އިސްނެގުމާއި ގުޅިފައިވާ މަސައްކަތް: ކުދި ޖަޒީރާ ގައުމުތަކަށް ކަނޑުގެ ވަސީލަތްތަކުން ފަހިވާ ފުރުސަތުތައް" މި މަޢުޟޫޢުގެ މައްޗަށެވެ.

ވަޒީރުގެ ތަގުރީރުގައި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި، ކަނޑުގެ ޢިލްމީ ދިރާސާތައް އިތުރަށް ފުޅާކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، އިންސާފުވެރި ކަނޑުގެ ނިޒާމެއް ބިނާކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ރާއްޖެއާއި ޗައިނާއާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބި، ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ރާއްޖޭގެ އުފެއްދުންތަކަށް ފުރުޞަތުތައް އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ލީޑަރުން ވެވަޑައިގަންނަވާ ވަޢުދުތަކަކީ ޢަމަލީ ގޮތުން ނަތީޖާ ފެންނަ ފަދަ ކަންކަމަށް ވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކަނޑުތަކާ ގުޅޭ ދިރާސާތައް ހަރުދަނާކޮށް، ދިވެހި ޒުވާން ދިރާސާވެރިންނަށް މި ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމަކީ ޤައުމުގެ މުސްތަޤުބަލަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ބަޔާންކުރައްވަމުން، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއެކު ދެމެހެއްޓެނިވި "ބްލޫ އިކޮނޮމީ" އެއް ބިނާކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު އެރުވިއެވެ.



ކިޔުންތެރިންގެ ހިޔާލު