ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި، ޝާހިދުގެ ބަންދަށް ކޯޓުން ދިނީ 30 ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ 21:59 ގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޝާހިދު ހައްޔަރުކުރުމަށްފަހު އެމަނިކުފާނު ވަނީ ދޫނިދޫ ގައި ބަންދު ކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފުލުހުން ރޭ ޝާހިދު ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޝާހިދު ވަނީ، އެމަނިކުފާނާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ޝަހުސު ކަތިލަން ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރަށްވާފައެވެ. ޝާހިދު ވިދާޅުވީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެހެންވެ މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލާގައި ޝާހިދުގެ ދަރިކަލުން ޔާމީން ޝާހިދު ވިދާޅުވެފައިވަނީ، ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެމަނިކުފާނު ދުވަހަކުވެސް ކުރަށްވާނެ ކަންކަން ނޫން ކަމަށާއި، މުޅި އާއިލާ އޮތީ ސާބިތުކަމާއެކު އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ.

އަދި ބައްޕާފުޅުގެ ސުލޫކާއި، ގަބޫލުކުރައްވާ އުސޫލުތަކުގެ އިތުރުން، އެއީ ކޮންފަދަ ޝަހުސިއްޔަތެއްކަން އާއިލާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކަކީ ދުވަހަކުވެސް ކުރަށްވާނެ ކަންތައްތަކެއް ނޫންކަން ޔަގީންވާ ކަމަށްވެސް ދަރިކަލުން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޝާހިދުގެ ދަރިކަލުން ޔާމީން ވިދާޅުވީ، އިންސާފުވެރިކަމާއެކު ކަންކަން ކުރިއަށް ދިއުމާއި، ގާނޫނީ އިޖުރާއަތްތައް ފުރިހަމަވުމުގެ އިތުރުން، ޝާހިދުގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރިހަމަ ފުރުސަތު އެމަނިކުފާނަށް ލިބެންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް