ނޮވެންބަރު 3 ގެ ޝަރަފުގެ އައްޑަނަ ބޭފުޅަކަށް އެރުވުމަށްފަހު އޭނާގެ އާއިލާއާއި ރައީސް މުއިއްޒު ފޮޓޯއަކަށް ހުއްޓިގެން-- ރައީސް އޮފީސް
ނޮވެންބަރު 3 ގެ ޝަރަފުގެ އައްޑަނަ ބޭފުޅަކަށް އެރުވުމަށްފަހު އޭނާގެ އާއިލާއާއި ރައީސް މުއިއްޒު ފޮޓޯއަކަށް ހުއްޓިގެން-- ރައީސް އޮފީސް
ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެންބަރު 3 ގެ އައްޑަނަ 5 ބޭފުޅަކަށް އަރުވައިފިއެވެ. އެ ބޭފުޅުންނަށް މި ޝަރަފުވެރި އައްޑަނަ ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ ދެކަނބަލުންނަށް އިސްތިޤްބާލުކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޣައްސާން މަޢުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ޖަލްސާ ރަސްމީކޮށް ފެށުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

މިރޭގެ ޖަލްސާގައި ނޮވެންބަރު 3 ގެ އައްޑަނަ ޙަވާލުކުރެވުނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ ވަގުތުގައި، ޤައުމުގެ ދިފާޢުގައި ނުރައްކާތެރި ޙާލަތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 5 ބޭފުޅުންނަށެވެ. އެ ބޭފުޅުންނަކީ:

1- ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފް

2- ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީ

3- ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކު

4- ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމް

5- ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދު

މި ޖަލްސާގައި، 1988 ނޮވެންބަރު 3 ގެ ހާދިސާ ސިފަކޮށްދޭ ޚާއްޞަ ތަމްސީލެއް "ލޭގެ ޖިހާދު" ގެ ނަމުގައި ދިވެހި ސިފައިން ވަނީ ހުށަހަޅައިދީފައެވެ. މީގެ އިތުރުން، މި ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނެރެދެއްވާފައެވެ. އަދި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ޝަރަފުވެރި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް