އިރާންގެ ފޮރިން މިނިސްޓަރ އައްބާސް އަރާޗީ
އިރާންގެ ފޮރިން މިނިސްޓަރ އައްބާސް އަރާޗީ
އީރާނުގެ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެ ގައުމުން ހުށަހަޅާފައިވާ ޕްލޭން ތަންފީޒު ކުރުމަށް ނަގާ މުއްދަތު ދެ ދުވަހަށް ކުރުކޮށްލުމުގެ ހުށަހެޅުމެއް ގަތަރުގެ މެދުވެރިންނާ އެކު ކުރިއަށްދިޔަ މަޝްވަރާތަކުން އެކުލަވާލެވިފައިވާ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އަައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވިދާޅުވީ، އީރާނުގެ ހުށަހެޅުން ތަންފީޒު ކުރުމުގެ މުއްދަތު ފަސް ދުވަހަށް ކުރުކުރުމަށް ގަތަރުން އެންމެ ފުރަތަމަ ހުށަހެޅި ކަމަށާއި، ނަމަވެސް މިހާރު ވާސިލްވެވިފައިވާ އެއްބަސްވުމުގެ ދަށުން އެ މުއްދަތު ދެ ދުވަހަށް ކުރުކުރެވިފައިވާ ކަމަށެވެ.

އަރާގްޗީ ފާހަގަކުރެއްވި ގޮތުގައި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އިސްލާމްއާބާދު މެމޮރެންޑަމަށްފަހު އަޅާފައިވާ ފިޔަވަޅުތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އެ ސަރަހައްދުގައި ގާއިމުވެތިބި އެމެރިކާގެ ސިފައިންގެ އަދަދު މަދުކުރުން ހިމެނެއެވެ.

މީގެ އިތުރުން ތެޔޮ ގަތުމަށް ދީފައިވާ އިސްތިސްނާތައް އަލުން އިއާދަކުރުމާއި، ގަތަރުގައި ހުރި ފައިސާ ހިމެނޭހެން އީރާނުގެ ފްރީޒްކޮށްފައިވާ ހުރިހާ ފައިސާތަކެއް ދޫކޮށްލުން ވެސް އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އޯމާނާއެކު މަޝްވަރާކުރެވިފައިވާ ގޮތަށް ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ރޫޓުތައް ބަލައިގަނެ، އެ ނޫން ބަދަލު ރޫޓުތައް ބަންދުކުރުމަށް ތެހެރާނުން އެދޭ ކަމަށް އަރާގްޗީ ވިދާޅުވިއެވެ.

އަދި އީރާނުގެ ޝަރުތުތަކާ އެއްގޮތަށް ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަކީ ނުނިމި ހުރި މުހިންމު މައްސަލަތަކާ ގުޅޭގޮތުން ވޮޝިންގްޓަނާއެކު އަލުން މަޝްވަރާތައް ފެށުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް