ހަތިޔާރު އެޅި އީރާނުގެ އަންހެނެއް
ހަތިޔާރު އެޅި އީރާނުގެ އަންހެނެއް
އެމެރިކާއާއި އިސްރާއީލާއެކު ހިނގަމުންދާ ހަނގުރާމަ އަލުން ވަރުގަދަވެދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ސަރުކާރުން އާންމު ރައްޔިތުންނަށް ހަތިޔާރު ދީ، ތަމްރީނުކުރުމަށް ހިންގާ ހަރަކާތް މުޅި ގައުމަށް ފުޅާކުރަން ފަށައިފިއެވެ.

އީރާނުގެ ސެކިއުރިޓީ ނިޒާމު ވަރުގަދަކޮށް އެތެރެއާއި ބޭރުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ހިންގާ "ޖާންފިދާ" ނަމަކަށްދެވިފައިވާ މި ހަރަކާތަކީ ފާއިތުވި މާޗު މަހުގެ ތެރޭގައި ފެށި ހަރަކާތެކެވެ.

މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ޒުވާނުންނަށް ވީނަމަވެސް، ކޮންމެ އުމުރެއްގެ އަންހެނުންނާއި ފިރިހެނުންނަށްވެސް މީގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ދަށުން ހިންގާ ބަސީޖް މިލީޝިއާ އާއި ސަރުކާރުގެ އިދާރާތަކުން މަގުމަތީގައި ގާއިމުކޮށްފައިވާ ބޫތުތަކާއި ސްޓޭޝަންތައް މެދުވެރިކޮށް، އާންމުންނަށް ހަތިޔާރު ބޭނުންކުރާނެ ގޮތާއި ސަރުކާރާއި "އިންގިލާބީ" އުސޫލުތައް ދިފާއުކުރާނެ ތަމްރީނުތައް ދަނީ ފޯރުކޮށްދެމުންނެވެ.

މި ހަރަކާތުގެ ދަށުން ތެހެރާން، އިސްފަހާން، ޝީރާޒް، އަދި މަޝްހަދު ފަދަ ބޮޑެތި ރަށްތަކުގައި ވަނީ އަސްކަރީ ތަމްރީނުތަކާއި ހަރަކާތްތައް ބާއްވާފައެވެ. ބަސީޖްގެ ތަމްރީނުތަކާ ބެހޭ ނައިބު އަލީ ކޯސަރީ ވިދާޅުވި ގޮތުގައި، ތެހެރާންގެ މަދުވެގެން 14 މައި މައިދާނަކާއި، އީރާނުގެ 31 ޕްރޮވިންސްގެ ކޮންމެ ވެރިކަން ކުރާ ރަށެއްގެ 1 އިން 3 މައިދާނެއްގައި މިފަދަ ތަމްރީނު ސްޓޭޝަންތައް ގާއިމުކުރުމަށް އައިއާރްޖީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ރޭގަނޑު ބާއްވާ އެއްވުންތަކާއި، ދުވާލު ބާއްވާ ސައިކަލު ބުރުތައް ހިމެނެއެވެ. ބައެއް ސަރަހައްދުތަކުގައި ވަޒަން ބޭނުންކޮށްގެން ބަޑިއަށް ވަޒަން އަޅާނެ ގޮތާއި، އަމާޒަށް ބަޑިޖަހާނެ ގޮތް އާންމުންނަށް ދަސްކޮށްދެއެވެ.

ނަމަވެސް، ރަޝްތު ފަދަ ބައެއް ރަށްތަކުގައި ރޭގަނޑު ބާއްވާ އަޑުގަދަ އެއްވުންތަކުގެ ސަބަބުން އާންމުންގެ ނުރުހުން އަމާޒުވެ، ކުރިމަތިލުންތައް ހިންގާފައިވާ އިރު، އަލްބޯރްޒް ޕްރޮވިންސްގެ ކަރަޖްގައި ބޭއްވި ތަމްރީނުތަކެއްގެ ސަބަބުން ގޮވާ އަޑުތައް އިވިދާނެ ކަމަށް ބުނެ ސަރުކާރުން ވަނީ އާންމުންނަށް އިންޒާރުވެސް ދީފައެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ހަރަކާތުގެ ވެބްސައިޓުގައި 33 މިލިއަނަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެއެވެ. އެއީ އީރާނުގެ އާބާދީގެ ތިންބައިކުޅައެކު ބަޔެވެ.

ނަމަވެސް ބޭރުގެ އެކްޓިވިސްޓުން ސައިޓުގެ ސޯސް ކޯޑު ބެލުމަށްފަހު ހާމަކޮށްފައިވާ ގޮތުގައި ރަޖިސްޓްރީވެފައިވަނީ 4 މިލިއަނަށްވުރެ މަދު އަދަދެއްގެ މީހުންނެވެ.

ހިއުމަން ރައިޓްސް ޖަމާއަތްތަކުން މި ހަރަކާތް ސިފަކުރަނީ އާންމުންނަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިއީ ރައްޔިތުން ސަރުކާރާއި އިސްލާމީ އިންގިލާބަށް ކުރާ ތާއީދު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ސްކޫލް ކުދިންވެސް މި ހަރަކާތުގައި ބައިވެރިކުރުމަށް ތައުލީމީ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު