ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ދައުލަތަށް ފައިސާ ލިބުމުން ބައެއް މީހުން އަމިއްލަ ޖީބު ބޮޑުކުރި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފައިސާއިން ކުރެއްވި ހަމައެކަނި ކަމަކީ ބަންގުރޫޓްވަމުން ދިޔަ ދިވެހި ގައުމު ސަލާމަތް ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

​އަބްދުއްރަހީމް މިހެން ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާއިން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ރިޔާސަތާ ސުވާލު ކުރައްވަމުން އަންނަ ކަމަށެވެ.

ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ބަހުސްގައި ސީދާ ބައިވެރިނުވެވުނު ނަމަވެސް، މެންބަރުން އެ ސުވާލު ތަކުރާރުކޮށް ކުރައްވާތީ އެކަމަށް ޖަވާބު ދެއްވަން ޖެހޭ ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

​އެގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ފައިސާ ހޯދައިގެން އެކި ބޭފުޅުން ކުރައްވާނީ އެކި ކަންކަން ކަމަށެވެ. އެގޮތުން "އެއްބައި ބޭފުޅުން މި ކުރައްވާ ކަމަކީ އެ ބޭފުޅުންގެ އަމިއްލަ ޖީބު ބޮޑުކުރެއްވުން، އަމިއްލަ ކުންފުނިތައް މުއްސަނދު ކުރެއްވުން.

އަނެއްބައި ބޭފުޅުން މި ކުރައްވާ ކަމަކީ މި ދެންނެވި ގޮތަށް އަމަލުކުރެއްވި ބޭފުޅުން އެ އަމަލުކުރައްވައިގެން ބަނގުރޫޓް ކޮށްލާފައި އޮންނަ ގައުމު އަލުން ސަލާމަތްކުރައްވާ، އިގްތިސާދު ނަގާ ކޮޅަށް ޖައްސަވާ، ދަރަނިތައް ދެއްކެވުން. އެއީ އެ ފައިސާއިން އަސްލު ކުރާ ކަމަކީ،" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

​އޭނާ އިތުރަށް ވިދާޅުވީ މިއަދު ސަލާމަތުން އޮތް ގައުމެއް ލިބިފައި މިވަނީ ލިބުނު ފައިސާއިން އެކަންކަމަށް އެމަގުން ހަރަދުކުރުމުން ކަމަށެވެ. އަދި ގައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންދާ މުހިންމު ކަންތައްތަކަކީ އެއީ ކަމަށްވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް