ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރުމަށް ބޭނުންވާ ކޮންމެ މެންބަރަކަށް 15 މިނެޓު އަދި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ އެވެ. އޭނާ ހުށަހެޅުއްވީ ބަޖެޓުގެ ފުރަތަމަ ބަހުސް މަރުހަލާގައި ކޮންމެ މެންބަރަކަށް 15 މިނެޓުގެ އެއް ފުރުސަތު ދިނުމަށެވެ. އަދި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު، އެ ރިޕޯޓަށް ބަހުސްކުރާ މަރުހަލާގައި ކޮންމެ މެންބަރަކަށް 7 މިނެޓުގެ ފުރުސަތެއް ދިނުމަށެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 235 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް، މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތިން މިނިސްޓަރ އޮފް ފިނޭންސް އަށް ޖުމްލަ 45 މިނެޓު ދެއްވުމަށްވެސް މި ހުށަހެޅުމުގައި ވެއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ އިގްތިސާދީ ދުވެލި ހަމަމަގަށް އަޅުވައި، ތަރައްޤީގެ މަޝްރޫއުތަކާއި ދައުލަތުގެ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ނުވަތަ ހިންގުމުގެ ޚަރަދެވެ. އަދި ތަރައްޤީގެ މަޝްރޫއުތަކާ އިންވެސްޓްމަންޓު ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން 8.2 ބިލިއަން ރުފިޔާ ޚާއްސަކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.

މީގެއިތުރުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށާއި، މިއީ ހިނގާ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު