ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން--
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން--
ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުޢާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ބައިވެރިވުމަށް ނިންމެވީ، "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައެވެ.

މި ދެ މުޢާހަދާގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމެއް ކަމަށްވާތީ، އެ ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މި މުޢާހަދާތައް ތަޞްދީޤުކުރުމުން ލިބޭނެ ފައިދާތަކާއި އޭގެ ސަބަބުން އަންނާނެ ބަދަލުތައް ދެނެގަތުމަށްޓަކައި ޔުނެސްކޯއިން ވަނީ ޤައުމީ ފެންވަރުގެ ދިރާސާއެއް ("ނޭޝަނަލް އެސެސްމަންޓް އޮފް ދަ ބެނެފިޓްސް އެންޑް އިމްޕްލިކޭޝަންސް އޮފް ރެޓިފައިންގ ދަ ގްލޯބަލް ކޮންވެންޝަން އެންޑް ޓޯކިޔޯ ކޮންވެންޝަން") ހަދާފައެވެ. މީގެއިތުރުން، ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާ ހޯދުމުގެ ޚާއްޞަ މިޝަނެއް ކުރިއަށްގެންގޮސްފައިވާއިރު، މި ދާއިރާގެ އެކި ފަރާތްތައް ހިމަނައިގެން ފޯކަސް ގްރޫޕް ބައްދަލުވުންތަކެއް ވެސް ވަނީ ބާއްވާފައެވެ.

ޔުނެސްކޯގެ މި ވަޒަންކުރުމުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މީގެއިތުރުން، ބޭރުގެ ދަރިވަރުންނާއި ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ފަސޭހަވެގެންދާނެއެވެ. ހަމައެއާއެކު، ބޭރު ޤައުމުތަކުން މަތީ ތަޢުލީމު ޙާޞިލުކުރަން އެދޭ ދިވެހި ދަރިވަރުންނަށް، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ފެންވަރުގެ ސަނަދުތަކާއެކު އެނބުރި ޤައުމަށް ޚިދުމަތްކުރުމަށް އައުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު