ވިލިމާލެއިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފިލްމީ ތަރިންނާއި، އިތުރު މީހާ، ފޮޓޯ: ފުލުހުން
ވިލިމާލެއިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފިލްމީ ތަރިންނާއި، އިތުރު މީހާ، ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ ތުހުމަތުގައި ވިލިމާލެއިން ހައްޔަރުކުރި މަޝްހޫރު ފިލްމީ ތަރިން ހިމެނޭ ގްރޫޕުގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށްފަހު، އެ އެންމެން ވެސް ބަންދުން ދޫކޮށްލަން ނިންމައިފިއެވެ.

ފުލުހުން މި މަހުގެ 8 ވަނަ ދުވަހު ވިލިމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހް އަދި މުހައްމަދު

ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު މަރުހަލާ އެއްކޮށް ފުރިހަމަކުރުމަށްފަހު ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. ބާކީ ހުރި މީހާ ވެސް މިއަދުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެއިތުރުން ފުލުހުން ބުނީ، މައްސަލައިގެ ޝަރީއަތް ކޯޓު މަރުހަލާގައި ކުރިއަށްދާއިރު، އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި ހާލަތެއްގައި އެ ގޮތުގެ މަތިން ފިޔަވަޅު އަޅައި އަމަލުކުރަމުން ގެންދާނެ ކަމަށެވެ.

މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މީގެކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނެރުނު ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، ފުލުހުން އެ ތަނަށް ވަން ވަގުތު އެ މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ހުރީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަހައްޓާފައެވެ. އަދި އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން ޑްރަގް ޓްރެފިކިންގެ މިންގަނޑަށް އަރާ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އޭގެ ސީދާ އަދަދެއް ކޯޓު އަމުރުތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

ކޯޓު ރެކޯޑުތަކުން ދައްކާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އިސްމާއިލް ޖުމައިހް ފިޔަވައި، އަޒްމީލް އާއި ވިޝާލް އަދި ޝާހިލް އަކީ މީގެކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދު ރެކޯޑު އޮންނަ ތިން މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު