ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު
ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށްވުރެ ބޮޑަށް މުހިންމީ، ގާނޫނީ ޒިންމާ އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ޚިދުމަތްދީ، ރަށުގެ އަމާންކަން ދެމެހެއްޓުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ހދ. ކުމުންދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށްޓަކައި އިއްޔެ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރެވެ. އަދި ގައުމީ ދިދަ ނަންގަވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް ޢަލީ ޤާސިމެވެ.

ފުލުހުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ރަށުގައި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށެވެ. އެންމެ މުހިންމު ކަމަކީ ރައްޔިތުންނާ ގާތުން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހިކުމަތްތެރިކަމާއި އޯގާތެރިކަމާއެކު ގާނޫނީ ވާޖިބު އަދާކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް ކުމުންދޫގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު ވެސް އިތުރުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްގީއަށް ދެއްވާ ހާއްސަ ސަމާލުކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވަނީ، މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެކުރިން އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކުންނާއި ކުއްޔަށް ހިފާފައިވާ ކޮޓަރިތަކުގައި މަސައްކަތްކުރަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތައް ހަނދާން އާކުރައްވަމުން ސީޕީ ވިދާޅުވީ، މިއަދު މި ފެށުނީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ލިބިގެންދާނެ އައު ފެށުމެއް ކަމަށެވެ. އަދި ކުމުންދޫ މަރުކަޒުގެ މަސައްކަތް ކާމިޔާބުކަމާއެކު އަވަހަށް ނިންމާލެވުނީ އެ ރަށު ކައުންސިލާއި ރައްޔިތުން ދެއްވި މަތިވެރި އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވެ، އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއެކު، ފުލުހުން ހިންގާ ވަކިވަކި އޮޕަރޭޝަންތަކަށް އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ޚިދުމަތްތަކަށް ބަދަލު އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް ރައްދު ދެއްވަމުން ސީޕީ ވިދާޅުވީ، އެފަދަ ހާލަތްތަކުގައިވެސް ގާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން ފަސްނުޖެހޭނެ ކަމަށެވެ. ކުމުންދޫއަކީ އާންމުކޮށް ކުށް މަދު އަމާން ރަށެއް ނަމަވެސް، އެކަމަށް ފަރުވާކުޑަނުކޮށް ރަށުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ފާރަވެރިކަމާއެކު މަސައްކަތް ކުރުމަށް ރަށުގައި ތިބި ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލެއްވީ ފުލުހުންގެ ތަރައްގީގެ ކަންކަން ވަރަށް ގާތުން ބައްލަވައި އެއްބާރުލުން ދެއްވާ ކަމަށްޓަކައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އަހަރަށް ފުލުހުންގެ ލަނޑުދަނޑިތައް ކަނޑައަޅާއިރު، ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން މުޖުތަމައު ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބުމަށް ހުރިހާ ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް