ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް
ބާ ކައުންސިލްގެ ޤާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭތޯއާއި، އެ ކައުންސިލް އެންމެ ރަނގަޅަށް ހިނގާތޯ އަދި އެކަމުގައި ހުރި ހުރަސްތަކާ ގުޅޭގޮތުން ޤާނޫނީ ވަކީލުންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޙުސްނީ މިހެން ވިދާޅުވީ، ކޮލިފައިންގ ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ ގަވައިދަށް ބާ ކައުންސިލުން ގެނައި އިސްލާހާ ގުޅިގެން ޤާނޫނީ ދާއިރާއިން ކިޔަވާ ކުދިން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގައެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ބާ ކައުންސިލާ ގުޅޭގޮތުން ޤާނޫނީ ފަންނުގެ ތެރޭގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާ ލައްވަމުން ޙުސްނީ ވިދާޅުވީ، މި މައްސަލައިގައި ބާ ކައުންސިލުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް، އެ ކުދިން ކިޔަވަން ފެށިއިރު އޮތް ޝަރުތުތަކާއި އުސޫލުތަކާ އެއްގޮތަށް ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އަލަށް ގެންނަ އިސްލާހެއް ހިނގަންވާނީ އެ ބަދަލު ގެންނަ ފަހުން އަލަށް ފަށާ ކޯސްތަކަށް ކަމީ ޤާނޫނީ އާންމު އުސޫލު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ބާ ކައުންސިލްގެ ހިންގުމާ މެދު ސުވާލު އުފައްދަވަމުން ޙުސްނީ ވިދާޅުވީ، އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކެއް ކަމަށް ބުނެ ކޯޓުތަކުގައި ހިނގަމުންދާ ބައެއް ޝަރީއަތްތަކަށް ބާ ކައުންސިލުން ތަދައްޚުލުވަމުންދާތަން ފެންނަ ކަމަށެވެ.

"މީގެ ކުރީގަ ޕަބްލިކް އިންޓްރެސްޓްގެ ކޭސްތައް ނެތީތޯ؟ ނުވަތަ މިހާރު ވަކި ސިޔާސީ ފިކުރެއްގަ މަސައްކަތް ކުރަނީތޯ؟ މިއީވެސް ހަމަ ޤާނޫނީ ވަކީލުންގެ ތެރޭގައި ކަންބޮޑުވުން އޮތް ކަމެއް." ޙުސްނީ ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ، ބާ ކައުންސިލަކީ އޭގެ ޒާތުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނީ ފަންނު ކުރިއެރުވުމަށްޓަކައި އިންސާފުވެރިކަމާއެކު ތަރުތީބުވެގެން ހިނގަންޖެހޭ ތަނަކަށް ވާންޖެހޭނެ ކަމަށެވެ.

ބާ ކައުންސިލްގެ މިސްރާބު ހުރިގޮތުން ވަކީލުންގެ މެދުގައި އޮތް ފޯރި ކުޑަވަމުންދާކަން ފާހަގަކުރަށްވަމުން ޙުސްނީ ވިދާޅުވީ، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން އެންމެ ފަހުން ހުސްވި މަގާމަށް މެންބަރަކު އިންތިޚާބު ކުރުމުގައިވެސް އެއްވެސް ވާދަވެރިކަމެއް ނެތި އެކަން ގޮސްފައިވާ ކަމަށެވެ. މިއީވެސް ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް