އަމީނީ މަގު ސެގްމެންޓު 3 ގައި ތާރު އެޅުމަށް ތައްޔާރުވަނީ، ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު ސެގްމެންޓު 3 ގައި ތާރު އެޅުމަށް ތައްޔާރުވަނީ، ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަސައްކަތުގައި، ތިންވަނަ ސެގްމަންޓުގައި އަޅަންޖެހޭ އެމްސީ-30 ޕްރައިމް ކޯޓު އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އެހެންކަމުން، މާދަމާ ފަށާ ތާރުއެޅުމުގެ މަރުހަލާއާއެކު މި ސެގްމަންޓުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ތިންވަނަ ސެގްމަންޓަކީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދު އޮންނަ 1،924.77 އަކަމީޓަރުގެ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ކުރިން އަޅާފައިވާ ބާ ތާރުތައް ނެގުމުގެ މަސައްކަތް މި މަހުގެ 4 ވަނަ ދުވަހު ފަށާފައިވާއިރު، އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި ޕްރައިމް ކޯޓު ޖެހުމުގެ މަރުހަލާ މިހާރު ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

ތާރުއެޅުމުގެ އަމަލީ މަސައްކަތް ނިމުމުން، އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމުގެ ކުރިން ތާރުގަނޑު އެކަށީގެންވާ ވަރަށް ހިކި، ހަރުވުމަށް ވަގުތު ބޭނުންވާނެއެވެ. ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި، ރާއްޖެ ފަދަ ހޫނުގަދަ މާހައުލެއްގައި ބަސް ފަދަ ބަރު އުޅަނދުތައް ދުއްވަން ފެށުމުގެ ކުރިން މި މުއްދަތު ދިނުމަކީ މަގު އަވަހަށް ހަލާކުނުވެ ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ތާރުގަނޑު ރަނގަޅަށް ހަރުވުމުން މަގުމަތީގެ ރައްކާތެރިކަމުގެ ނިޝާންތަކާއި ޓްރެފިކް ލައިންތައް ކުރަހައި، ދަތުރުފަތުރަށް އެ ސަރަޙައްދު ހުޅުވާލާނެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމައި ދަތުރުފަތުރަށް ހުޅުވާލާފައެވެ. އެއީ ދިވެހިރާއްޖޭގެ އަޑު އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އޮތް ފުރަތަމަ ސެގްމަންޓާއި، އަޑު ކައިރީގެ ކަންމަތިތައް ހިމެނޭ ދެވަނަ ސެގްމަންޓެވެ. ތިންވަނަ ސެގްމަންޓްގެ މަސައްކަތް ނިމުމުން ދެން ފަށާނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް 1،148.91 އަކަމީޓަރުގެ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތެވެ.

މިނިސްޓްރީ އޮފް ހައުސިންގ، އިންފްރާސްޓްރަކްޗަރ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކުރީ އަމީނީ މަގުގައި ކުރިން އަޅާފައިވާ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންތައް ހެދި، ވިއްސާރަ މޫސުމުގައި މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށެވެ.

ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދެ ފަށަލައަށް ތާރުއަޅައި، ދިގު މުއްދަތަކަށް ދެމިގެންދާނެ ފެންވަރު ރަނގަޅު މަގެއްގެ ގޮތުގައި އަމީނީ މަގު އަލުން ތަރައްޤީކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް