ތައިލެންޑު އެއާޕޯޓުގައި ފަސިންޖަރުންގެ ދަބަސް ފާސްކުރަނީ
ތައިލެންޑު އެއާޕޯޓުގައި ފަސިންޖަރުންގެ ދަބަސް ފާސްކުރަނީ
ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޝައްކުކުރެވޭ ފަދަ ތަކެތި ހުންނަ ޗެކްޑް ބެގޭޖުތައް ފަސިންޖަރުންގެ ހާޒިރުނެތި ބަލައިފާސްކުރުމުގެ ބާރު އެއާޕޯޓުގެ މުވައްޒަފުންނަށް ދޭ އައު އުސޫލުތަކަކަށް ތައިލެންޑުން އަމަލުކުރަން ފަށައިފިއެވެ.

ނަމަވެސް، މިގޮތަށް ފާސްކުރާ ކޮންމެ ފަހަރަކު އެކަން ލިޔެކިޔުމުން ރެކޯޑުކޮށް، ފަސިންޖަރަށް އެކަން އަންގަންޖެހެއެވެ. ތައިލެންޑުގެ ސަރުކާރުގެ ޑެޕިއުޓީ ސްޕޯކްސްވުމަން ޕްލޯއިތަލޭ ލަކްސަމީސައެންގްޖަން އިއުލާނުކުރެއްވި ގޮތުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ތައިލެންޑް (ސީއޭއޭޓީ) އިން ކަނޑައެޅި މި އައު ގަވާއިދަކީ ވަގުތުން ވަގުތަށް އަމަލުކުރަން ފަށާފައިވާ ގަވާއިދެކެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި، ޝައްކުކުރެވޭ ދަބަސްތައް ފާސްކުރުމަށްޓަކައި ފަސިންޖަރުން ހޯދުމުގައި ހޭދަވާ ވަގުތު ކުޑަކޮށް، ފްލައިޓްތައް ފުރުމުގައި ދިމާވާ ލަސްތައް ހައްލުކުރުމެވެ.

އެއާޕޯޓުގެ މުވައްޒަފުންނަށް ދަބަސް ހުޅުވޭނީ ކޮން ހާލަތްތަކެއްގައި؟

އައު އުސޫލު ބަޔާންކުރާ ގޮތުގައި، އެކްސް-ރޭ މެޝިނުން ބަލާއިރު ދަބަހުގައި މަނާ، ނުރައްކާތެރި ނުވަތަ ގެއްލުންދެނިވި އެއްޗެއް ހުރިކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވިއްޖެނަމަ، އެއާޕޯޓުގެ މުވައްޒަފުންނަށް ވަގުތުން އެ ދަބަހެއް ހުޅުވައި ބަލައިފާސްކުރެވިދާނެއެވެ.ނަމަވެސް، މިއީ އެއްވެސް އުސޫލެއް ނެތި ހުރިހާ ދަބަހެއް ހުޅުވުމަށް ދެވުނު ހުއްދައެއް ނޫންކަން ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ. މިގޮތަށް ބަލައިފާސްކުރެވޭނީ ސަލާމަތީ ގޮތުން ކަނޑައެޅޭ ހާއްސަ ހާލަތްތަކުގައި، ކަނޑައެޅިފައިވާ ހަރުދަނާ އިޖުރާއާތުތަކުގެ ތެރެއިންނެވެ.

ކަންކަން ލިޔެކިޔުމުން ބެލެހެއްޓުމާއި ފަސިންޖަރުންނަށް އެންގުން ލާޒިމުކުރުން

ޒިންމާދާރުކަން ކަށަވަރުކުރުމުގެ ގޮތުން، ދަބަސްތައް ފާސްކުރަންވާނީ އެކަމަށް ހާއްސަކުރެވިފައިވާ ވަކި ތަންތަނުގައެވެ. އަދި ބަލައިފާސްކުރާ މަންޒަރު ފެންނާނޭހެން ވީޑިއޯ ރެކޯޑުކޮށް، ފަހުން ބެލޭނެހެން އެ ހެކިތައް ރައްކާކުރަންޖެހެއެވެ.

މީގެއިތުރުން، އެ ދަބަހެއް ބަލައިފާސްކޮށްފައިވާކަން ބަޔާންކޮށްދޭ ލިޔުމެއް ދަބަހުގެ އެތެރޭގައި ބާއްވަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ ސަލާމަތީ އުސޫލުތަކުގެ ދަށުން ދަބަސް ހުޅުވިކަން ފަހުން ފަސިންޖަރަށް އަންގަންވާނެއެވެ. މަނާ އެއްޗެއް ފެނިއްޖެ ހާލަތެއްގައި އެ އެއްޗެއް އަތުލައިގަނެ، ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.

ދަތުރުވެރިންނަށް މުހިންމު އިރުޝާދުތަކެއް

ތައިލެންޑުގެ އެއާޕޯޓުތައް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުން، ޓީއެސްއޭ ފަދަ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަލާމަތީ ތަޅުތައް ދަބަސްތަކުގައި ބޭނުންކުރުމަށް އިލްތިމާސްކުރެއެވެ. މިފަދަ ތަޅުތަކުގެ ސަބަބުން ދަބަހަށް ގެއްލުމެއް ނުދީ، އޮފިޝަލުންނަށް ފަސޭހައިން ދަބަސް ހުޅުވައި ބެލޭނެއެވެ.

ނަމަވެސް، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން ދަބަސް ނުހުޅުވިއްޖެނަމަ، ތަޅު ހަލާކުކޮށްލައިގެން ނަމަވެސް ދަބަސް ފާސްކުރުމުގެ ބާރު މުވައްޒަފުންނަށް އޮންނާނެއެވެ. އަދި މިފަދަ ހާލަތްތަކުގައި ލިބޭ އެއްވެސް ގެއްލުމަކަށް ބަދަލު ނުދެވޭނެކަމަށް އިރުޝާދުގައި ބަޔާންކޮށްފައިވެއެވެ.

ދަތުރުވެރިން ފޮށިތަންމަތި ތައްޔާރުކުރާއިރު، ޗެކްޑް ބެގޭޖުގައި ގެންދިއުން މަނާ ތަކެތީގެ މައުލޫމާތު އެއާލައިންތަކުންނާއި އެއާޕޯޓުން ހޯދައި ސާފުކުރުމަކީ މުހިންމު ކަމެކެވެ. ދަތުރުމަތީގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް ހަމައެކަނި ދަބަހުގެ ބަރުދަނަށް ބެލުމަކުން ނުފުދެއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތް ނިޒާމެއް

ތައިލެންޑުން ހާމަކުރި ގޮތުގައި މިއީ ސިންގަޕޫރު، ޖަޕާން، ދެކުނު ކޮރެއާ، އެމެރިކާ، އަދި ވިލާތާއި މެދުއިރުމަތީގެ ގައުމުތަކުގައި ވެސް ވައިގެ ދަތުރުފަތުރުގެ ސަލާމަތަށްޓަކައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތް ނިޒާމެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ނުރައްކާތެރި ތަކެތި ފްލައިޓަށް އެރުން ހުއްޓުވުމަށް އެހީތެރިވެދެއެވެ.

ފަސިންޖަރުން ސަމާލުކަން ދޭންވީ މައިގަނޑު ނުކުތާއަކީ، މިއީ ހުރިހާ ދަބަހެއް ހުޅުވުމަށް އޮތް ހުއްދައެއް ނޫން ކަމެވެ. މި އުސޫލަށް އަމަލުކުރާނީ ސަލާމަތީ ގޮތުން ޝައްކުކުރެވޭ ހާލަތްތަކުގައި، ހެކި ރައްކާކޮށް އަދި ފަސިންޖަރަށް އެންގުމަށްފަހުގައެވެ. އެހެންކަމުން، ތައިލެންޑަށް ދަތުރުކުރާ އަދި އެ ގައުމު މެދުވެރިކޮށް ޓްރާންސިޓްވާ ފަރާތްތަކުން ސީއޭއޭޓީ އަދި އެއާލައިންތަކުގެ މިންގަނޑުތަކަށް ސަމާލުވުމަށް އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު