ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަސްކަރީޔާ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަސްކަރީޔާ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އެ ގައުމުގެ އަސްކަރިއްޔާއާ ގުޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔެން ނިއުސް އިން ހަވަލާ ދޭ ގޮތުގައި އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށް ހުޅުވާލި މި ފުރުސަތުގައި، އަސްކަރިއްޔާގެ ކުރަންމަތީގެ ސެކިއުރިޓީ ރޯލުތަކުން ފެށިގެން، ޓެކްނޮލޮޖީ އަދި މަޝްވަރާ ދިނުމުގެ ތަފާތު ދާއިރާތަކުން ބޭރުގެ ފަރާތްތަކަށް ސިފައިންގެއާ ގުޅުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.

ސަރަހައްދީ ފެންވަރުގައި ސުލްހަ ބެލެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޔޫއޭއީއިން ކުރަމުންދާ މަސައްކަތްތައް އިތުރުވަމުންދިއުމާއެކު، އެ ގައުމުގެ ކުޑަ އާބާދީއަށް ބަލައި އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި މީހުން ނެގުމަށް ވަނީ ނިންމާފައެވެ.

މިވަގުތު ޔޫއޭއީގެ އަސްކަރިއްޔާގައި އެކްޓިވްކޮށް 70،000 އެއްހާ ސިފައިން ހަރަކާތްތެރިވަމުންދެއެވެ.

މި ފުރުސަތުގެ ދަށުން އެދިުށުމުގެ ފުރުސަތު އޮތީ އެމީހެއްގެ އަމިއްލަ ގައުމުގައި މިލިޓަރީ، ފުލުސް، ނުވަތަ ތަންފީޒީ އިދާރާއެއްގައި ކުރިން މަސައްކަތްކޮށް ތަޖުރިބާ ހުރި ބޭރު ގައުމުތަކުގެ މީހުންނަށެވެ.

އެގޮތުން އިންޑިއާ، ޕާކިސްތާން، ނޭޕާލް، އަދި އެފްރިކާގެ ގައުމުތަކާއި ގަލްފު ސަރަހައްދުގެ މީހުން އާންމުކޮށް ހަމަޖައްސަނީ ކުރަންމަތީގެ ސެކިއުރިޓީ، އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުން އަދި ވީއައިޕީ ސެކިއުރިޓީ ރޯލުތަކަށެވެ. އަދި އެމެރިކާ، ވިލާތުގެ ގައުމުތައް އަދި އޮސްޓްރޭލިއާ ފަދަ ހުޅަނގުގެ ގައުމުތަކުގެ މީހުން މައިގަނޑުކޮށް ނަގަނީ ސައިބަރ ސެކިއުރިޓީ، އެޑްވާންސްޑް ޓެކްނޮލޮޖީ އަދި އެޑްވައިޒަރީ މަގާމުތަކަށެވެ.

ބޭރުގެ މީހުންނަށް ޔޫއޭއީ އަސްކަރިއްޔާއާ ގުޅުމަށް މައިގަނޑު ދެ މަގެއް ވަނީ ހުޅުވާލެވިފައެވެ. އެއީ ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސް ނުވަތަ މިނިސްޓްރީ އޮފް އިންޓީރިއާގެ އޮފިޝަލް ވެބްސައިޓްތައް މެދުވެރިކޮށް ސީދާ ކުރިމަތިލުމެވެ. ދެވަނަ ގޮތަކީ ޔޫއޭއީ އަސްކަރިއްޔާއާއެކު އެގްރީމެންޓް ހަދާފައިވާ ހުއްދަދެވިފައިވާ އަމިއްލަ މިލިޓަރީ ކުންފުނިތައް މެދުވެރިކޮށް އެދުމެވެ.

މި ދެ ގޮތުން ކުރިމަތިލީ ނަމަވެސް، އެޕްލިކޭޝަން ހުށަހެޅުމަށްފަހު ފިޒިކަލް ފިޓްނަސް ޓެސްޓު ހެދުމާއި، އިންޓަވިއުއިން ފާސްވުމުގެ އިތުރުން ސާވިސްއަށް ނުކުތުމުގެ ކުރިން ރިފްރެޝަރ ތަމްރީނުތަކެއް ފުރިހަމަކުރަންޖެހެއެވެ.

މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، ބޭރުގެ ސިފައިންނަށް ލިބޭ މުސާރަ ޔޫއޭއީގެ ރައްޔިތުންނަށްވުރެ ކުޑަވި ނަމަވެސް، އާންމު ވަޒީފާތަކާ އަޅާބަލާއިރު މުސާރައާއި އިނާޔަތްތައް ވަރަށް ރަނގަޅެވެ. އެގޮތުން މަހު މުސާރައިގެ އިތުރުން ހިލޭ ހުންނާނެ ތަނާއި، ސިއްހީ ކަވަރޭޖް (ހެލްތްކެއާ) އަދި އިތުރު ހިދުމަތުގެ އިނާޔަތްތައް ލިބިގެންދާނެއެވެ. ޔޫއޭއީއިން ބުނާގޮތުގައި މިއީ ބޭރުގެ މީހުންނަށް ކެރިއަރު ކުރިއަރުވައި ތަޖުރިބާ ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު