ޕާކިސްތާނުން އަލަށް ޓެސްޓުކުރި "ފަތަޙް-2"  އަދި "ފަތަޙް-4" ގެ ވައްތަރުގެ މިސައިލް
ޕާކިސްތާނުން އަލަށް ޓެސްޓުކުރި "ފަތަޙް-2" އަދި "ފަތަޙް-4" ގެ ވައްތަރުގެ މިސައިލް
ޕާކިސްތާނުން އަލަށް ތަޖުރިބާކުރި "ފަތަޙް-2" އަދި "ފަތަޙް-4" ގެ މިސައިލްތަކަކީ އިންޑިއާގެ ވައިގެ ދިފާޢީ ނިޒާމަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމަކަށް ވެދާނެ ކަމާމެދު ދިފާޢީ މާހިރުން ސުވާލު އުފައްދަން ފަށައިފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ތަރައްޤީކޮށް ޓެސްޓުކުރަމުންދާ މި މިސައިލްތަކުގެ ދުރުމިނާއި، އޭގެ ހަލުވި ދުވެލީގެ އިތުރުން ދުޝްމަނުންގެ ރާޑަރުތަކަށް ނޭނގި ސިއްރިއްޔާތުގައި ދަތުރުކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާކަމަށް އެ ޤައުމުން ދަޢުވާކުރެއެވެ. ޚާއްޞަކޮށް، ރޭންޖް ދިގުކުރެވިފައިވާ "ފަތަޙް-2" މިސައިލަކީ އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ "ހައިޕަރސޮނިކް" މިސައިލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. 750 ކިލޯމީޓަރުގެ ދުރުމިނަކަށް އަމާޒުފަތަކަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިފައިވާ މި މިސައިލްތަކާއެކު، ސަރަޙައްދީ އަސްކަރީ ހަމަހަމަކަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ޕާކިސްތާނުން ބުނެއެވެ.

ޕާކިސްތާނުން ބަޔާންކުރާ ގޮތުގައި، މި މިސައިލްތަކުގެ ހަލުވިމިނާއި އެ ދަތުރުކުރާ މިސްރާބު ބަދަލުކުރުމުގެ ކުޅަދާނަކަމުގެ ސަބަބުން، އިންޑިއާގެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތަކަށް މި މިސައިލްތައް ކުރިއާލައި ދެނެގަނެ، ވައްޓާލުމަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއެވެ. މިފަދަ ކުރިއެރުންތަކާ ގުޅިގެން، އިންޑިއާގެ ދިފާޢީ ރައްކާތެރިކަމާ މެދު ދާއިރާގެ މާހިރުންގެ މެދުގައި ވަނީ ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދިފައެވެ.

އެހެންނަމަވެސް، މި ޓެސްޓުތަކާ ގުޅޭ ފަންނީ ތަފްޞީލުތައް ފުރިހަމައަށް ހާމަކޮށްފައި ނުވާތީ، މިއީ ހަމައެކަނި އަސްކަރީ ޕްރޮޕެގެންޑާއެއްގެ ގޮތުގައި ކުރެވޭ ދަޢުވާތަކެއްތޯ، ނުވަތަ ޙަޤީޤަތުގައިވެސް އިންޑިއާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްތޯ ދެނެގަތުމަށްޓަކައި ދިފާޢީ ދިރާސާވެރިން އަންނަނީ މި މައްސަލަ ވަރަށް ގާތުން ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު