ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ހަރުކަށި ސަރުކާރުން ކެނޑިނޭޅި އިންކާރުކުރަމުން ދިޔަ ނަމަވެސް، ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމުތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، މުޅި ދުނިޔޭގެ ސިޔާސީ މަސްރަހުގައި ފަލަސްތީނުގެ ނަން ފަވާލައިފިއެވެ.

އިސްރާއީލުން ދެކޮޅުހެދުމާއި، ދައުލަތްތަކަށް އިންޒާރުދިނުމާއި، ނުރުހުން ފާޅުކުރުން ކުރިއަށް ގެންދިޔަ ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފަލަސްތީނުގެ އިންސާނީ އަދި އަމިއްލަ ސިޔާދަތީ ހައްގުތައް ބަލައިގަތުމަށް ތާރީޚީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.

މީގެ ކުރިން އިސްރާއީލަށް ފުރިހަމައަށް ތާއީދުކުރި ހުޅަނގުގެ ބޮޑެތި ގައުމުތަކުންވެސް މިހާރު ދަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނަމުންނެވެ.

ސްޕެއިން، އައިރަލެންޑް، ނޯވޭ، އަދި ސުލޮވީނިއާ ފަދަ އީޔޫގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރާ ގައުމުތަކުގެ އަދަދު 140 އަށްވުރެ މައްޗަށް އަރާފައިވާއިރު، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގައި ފަލަސްތީނަށް ލިބެމުންދާ ތާއީދު ދަނީ އިތުރުވަމުންނެވެ.

މިއާއެކު އިސްރާއީލު ދަނީ ދުނިޔޭގެ ދިޕްލޮމެޓިކް މައިދާނުގައި ކުރިއަށްވުރެ ބޮޑަށް އެކަހެރިވެ، ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިއުންތަކާ ކުރިމަތިލާންޖެހިފައެވެ.

ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުން ވަނީ ފަލަސްތީނު ދައުލަތެއް އުފެދުމަކީ އިސްރާއީލުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، މިފަދަ ނިންމުންތައް ނިންމާ ގައުމުތަކަށް ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.

ނަމަވެސް، އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން، ދުނިޔޭގެ ގައުމުތަކުން އިސްރާއީލުގެ ދިފާއީ ވާހަކަތަކަށް ކުރާ އިހުތިރާމް ވަނީ ކުޑަވެފައެވެ.

އިސްރާއީލުގެ ފިއްތުންތަކަށް ބެލުމެއްނެތް، ދުނިޔޭގެ ގައުމުތަކުން ދަނީ ދެ ދައުލަތް އެކުވެގެން އުޅެވޭނެ ހައްލަކަށް ވާސިލުވުމަށްޓަކައި ފަލަސްތީނުގެ މިނިވަންކަމަށް އޮތް ބައިނަލްއަގުވާމީ އެއްބާރުލުން ދުވަހެއް ދުވަހަކަށް ވަރުގަދަކުރަމުންނެވެ.

​ތާރީޚަށް ބަލާއިރު، ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދާއި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ މަސައްކަތަކީ އެތައް ދަހަރަކަށް ދެމިގެންގޮސްފައިވާ ދިގު ތާރީޚެއް އޮތް ކަމެކެވެ. 1948 ވަނަ އަހަރު އިސްރާއީލު އުފެއްދުމާ ގުޅިގެން ހިންގި "ނަކްބާ" ނުވަތަ ބޮޑު މުސީބާތުގައި އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުންނެއް އެމީހުންގެ އަމިއްލަ ފަސްގަނޑުން ނެރެލެވުނުއިރު، 1967 ވަނަ އަހަރުގެ އަރަބި-އިސްރާއީލު ހަނގުރާމައަށްފަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިންތައް ކަމުގައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާ އަދި އިރުމަތީ ގުދުސް ޣައިރުގާނޫނީ ގޮތެއްގައި ހިފާފައެވެ.

އޭގެފަހުން 1988 ވަނަ އަހަރު އަލްޖީރިއާގައި ފަލަސްތީނުގެ ތާރީޚީ ލީޑަރު ޔާސިރު އަރަފާތު ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރެއްވި ހިސާބުން ފެށިގެން، ދުނިޔޭގެ ގިނަ ގައުމުތަކަކުން ދިޔައީ ފަލަސްތީނަށް ސިޔާސީ އަދި ދިޕްލޮމެޓިކް ތާއީދު ދެމުންނެވެ. ނަމަވެސް، އިސްރާއީލާއި ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ނުފޫޒުގެ ސަބަބުން ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ލިބުން އޮތީ އެތައް އަހަރެއް ވަންދެން ހުރަސްއެޅިފައެވެ.



ކިޔުންތެރިންގެ ހިޔާލު