އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ
އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ
އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ، އަޔަރލޭންޑްގެ ބެލްފާސްޓްގައި ދެއްވި ތަގުރީރެއްގައި އިސްރާއީލުގެ ސެކިއުރިޓީ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އިސްރާއީލު އުފެއްދުމުގައި ފަލަސްތީނުގެ ރައްޔިތުންގެ އަތުން ނާޖާއިޒު ގޮތެއްގައި ބިންތައް އަތުލާފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

އޮބާމާ ވިދާޅުވީ އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން އަޚްލާގީ ގޮތުން އެ ގައުމަށް ލިބިފައިވާ މަތީ މަގާމު ގެއްލިފައިވާ ކަމަށެވެ.

ނަމަވެސް، ސުލްހައަށް ވާސިލުވުމަށްޓަކައި އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންވެސް އެމީހުންގެ ވިސްނުމާއި އަމަލުކުރާ ގޮތް ބަދަލުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޮބާމާގެ ތަގުރީރުގެ ރެކޯޑިންގްތަކާއި ޓްރާންސްކްރިޕްޓްތަކުން އެނގޭ ގޮތުގައި، ޔަހޫދީންނަށް އެތައް ހާސް އަހަރެއް ވަންދެން އަނިޔާއާއި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހުނު ކަމަށާއި، ޔޫރަޕުން އެކަމުގެ ބޮޑު މަސްއޫލިއްޔަތެއް އުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ތާރީޚީ ގުޅުމެއް އޮތް ތަނަކުން ރައްކާތެރިކަން ހޯދަން އެމީހުން މަސައްކަތްކުރުމަކީ އިންކާރުކުރެވެން ނެތް ހަގީގަތެއް ކަމަށްވިދާޅުވިއެވެ.

ނަމަވެސް، އެ މަސައްކަތުގެ ތެރޭގައި އެހެން ބައެއްގެ ބިންތައް އަތުލައި، އެމީހުން ބޭރުކޮށްލެވުނު ކަމީވެސް އިންކާރުކުރެވެން ނެތް ހަގީގަތެއް ކަމަށާއި، އެއީ އިންސާފެއް ނޫން ކަމަށް ބުނެ އަނބުރާ ބިން ހޯދަން ފަލަސްތީނުގެ ރައްޔިތުން އެދުމަކީ ގަބޫލުކުރެވޭނެ ކަމެއް ކަމަށް އޮބާމާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު