ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސެވުމުގެ ގޮތުން، ޚާއްޞަ ޑިރެކްޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކްޓަރީގެ ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ރަސްމީކޮށް އިފުތިތާހު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މިއަދު ތައާރަފުކުރެވުނު ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީއަކީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޑިރެކްޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، ޑިރެކްޓަރީގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން އެ މުއައްސަސާއެއްގެ އިސްވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު ފަދަ މުވާސަލާތީ މައުލޫމާތުތަކަށް ނުވަތަ މީސްވިއުގަ ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަންވާނެއެވެ. އެގޮތުން، މިފަދަ ބަދަލުތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޑިރެކްޓަރީގެ ވެބްސައިޓުގައިވާ މައްސަލަ ހުށަހަޅާ ފޯމު ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

މީގެއިތުރުން، ދައުލަތުގެ އިދާރާތަކުން ބޭނުންކުރާ ރަސްމީ ލިޔެކިޔުންތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކާއި، ވެބްސައިޓްތައް އަދި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވާނީ މި ޑިރެކްޓަރީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައިވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް