ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށާއި، އެއީ ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއް ކަމަށް ބަޔާނުގައިވެއެވެ.

"މިދެންނެވި ހުދޫދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަޙައްދު ބަލަހައްޓައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ރައްކައުތެރި ކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެކެވެ. މިކަމަށް ދިވެހި ތާރީޚު ހެކިދެއެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު، ދިވެހިރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ޤައުމެއް ކަމަށާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް، ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދޭދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށްއި، މިމޭރުމުން ދުނިޔެއާއި މި ސަރަޙައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ދިވެހިރާއްޖެއިން ކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

"ދިވެހިރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ޙިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. މީގެ އިތުރުން، މި ސިޔާސަތަކީ މި ސަރަޙައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުޢާމަލާތުތަކަށް ފަހި ވެއްޓެއް ޤާއިމުކޮށްދިނުމަށް ދިވެހިރާއްޖެއިން ގެންގުޅޭ އެހާމެ މުހިންމު ސިޔާސަތެއް ވެސް މެއެވެ." ބަޔާނުގައިވެއެވެ.

އޭގެއިތުރުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއްކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މި ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމެއް ނުކުރުމަކީ ދިވެހިސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުގެ މިބަޔާން ނިންމާލަމުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނެ ކަމަށެވެ. އަދި، މިނޫން ގޮތަކަށް މޭރުންވެދާނޭ ގޮތަށް ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހިސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް