ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހދ. ނޭކުރެންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ބޮޑުބައެއް ނިމި، މިހާރު މުޅި މަޝްރޫޢުގެ 59 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ އެމްޓީސީސީން އެކްސް މެދުވެރިކޮށް ހިއްސާކުރި އެންމެ ފަހުގެ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ ރިވެޓްމަންޓް ޖެހުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގެ ތެރެއިން 80 މީޓަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫޢަކީ ނޭކުރެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. ގާތްގަނޑަކަށް 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި މުދާ އުފުލާ ބޮޑެތި ބޯޓުފަހަރަށާއި ދަތުރުފަތުރުކުރާ ފެރީތަކަށް އެކަށީގެންވާ ފަސޭހަ ބަނދަރެއް ނެތުމަކީ ރަށުގެ ރައްޔިތުންގެ ޒަމާންވީ ބޮޑު ކަންބޮޑުވުމެކެވެ.

މި މަޝްރޫޢުގެ ދަށުން 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން، ބޮޑުހިލައިގެ ބޭރުތޮށްޓެއް ޤާއިމުކުރުމާއި އުޅަނދުފަހަރުން މުދާ އެރުވުމާއި ބޭލުމަށް ޚާއްޞަ ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ބަނދަރުގެ ޢަމަލީ މަސައްކަތްތައް ނިމިގެންދާއިރު، ބަނދަރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުން ފަދަ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބަނދަރުގެ މަސައްކަތް މުޅިން ނިމި ބޭނުންކުރަން ފެށުމުން، މޫސުން ގޯސް ދުވަސްވަރުވެސް ރައްކާތެރިކަމާއެކު އޮޑިދޯނިފަހަރަށް ފަޅަށް ވަދެނިކުމެ އުޅުމަށާއި، ރަށުގެ ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް އަދި ރައްޔިތުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު