ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ވިޔަފާރި އުސޫލުން ޓޭކްއެވޭ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަހުލުވެރިކުރުމުގެ ގޮތުން ޚާއްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްއެފްޑީއޭ ގުޅިގެން އިއްޔެ ހެނދުނު 10:00 އިން 12:00 އަށް މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައެވެ. އެޗްޑީސީން ވިޔަފާރި އުސޫލުން ޓޭކްއެވޭ ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ އެންމެހާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަންގައި މައުލޫމާތު ދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ.

މި އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އެމްއެފްޑީއޭއިން ގެޒެޓުކޮށްފައިވާ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ. އެޗްޑީސީން ބުނީ، މި ސެޝަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ޚިދުމަތްދޭ ވިޔަފާރިވެރިން ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، އެ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ.

އެޗްޑީސީން ބުނީ، އަލަށް އަމަލުކުރަން ފަށާ މި ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ތަކެތި ބަންދުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، އެއީ ކޮން ބާވަތެއްގެ އެއްޗެއްކަމާއި، ބޭނުންކުރުމުގެ މުއްދަތު ހަމަވާ ތާރީޚު ފަދަ ޒަރޫރީ މައުލޫމާތުތައް ސާފުކޮށް އެނގޭނޭހެން ލޭބަލްކުރުން މި ގަވާއިދުން ވަނީ ލާޒިމުކޮށްފައެވެ.

އެހެންކަމުން، ހުޅުމާލޭގައި މިފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކުން ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ކޯޕަރޭޝަނުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް