ފޮޓޯ: ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން
ފޮޓޯ: ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން
ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން، ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި، ކާނާ އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި "ދަ ގްރޭޓް ޓޫނާ ގާލާ: ފްލޭވާރސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ޚާއްޞަ ހަފުލާއެއް ޝެރަޓަން ޑާކާގައި ބާއްވައިފިއެވެ. ހައިކޮމިޝަނުން ބުނީ މި ހަފުލާގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެ އިޝްތިހާރުކުރުމާއި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ވިޔަފާރި، ފަތުރުވެރިކަން އަދި އިގުތިސާދީ ގުޅުންތައް އިތުރަށް ބަދަހިކުރުން ކަމަށެވެ.

މި ހަފުލާގެ ޝަރަފުވެރި މެހެމާނަކީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް އެމް. ރާޝިދުއްޒަމާން މިއްލަތެވެ. މި ރަސްމިއްޔާތުގައި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއި، ޑިޕްލޮމެޓިކް ކޯގެ މެންބަރުންނާއި، ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން މީޑިއާ ހިމެނޭހެން ގާތްގަނޑަކަށް 250 މެހެމާނުން ބައިވެރިވިއެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން، ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރު ޝިއުނީން ރަޝީދު ވަނީ، ދިވެހިރާއްޖެއާއި ކަނޑާ އޮތް ގާތް ގުޅުމުގެ މައްޗަށާއި، ރާއްޖޭގެ އިގުތިސާދާއި ސަގާފަތުގައި މަސްވެރިކަމަށް ދެވިފައިވާ މުހިންމު މަގާމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ އުސޫލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ސަފީރު ވާހަކަ ދެއްކެވިއެވެ. އަދި ބަންގްލަދޭޝްގެ މާކެޓުގައި ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާ ބެހޭގޮތުންވެސް އެކަމަނާ ވާހަކަދެއްކެވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން ބަދަހިވަމުންދާކަން ފާހަގަކުރަށްވައި، މީގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އިތުރު ކުރިއެރުންތައް ލިބޭނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މިއްލަތު ދެއްކެވި ވާހަކަފުޅުގައި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުސަތުތައް އެބައޮތްކަން ފާހަގަކުރެއްވިއެވެ. ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި އާ ފުރުސަތުތައް ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.



ހަމައެއާއެކު ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ، މި ހަފުލާގައި، ދިވެހިރާއްޖެއާއި ކަނޑާ އޮތް ފުން ގުޅުމާއި، ރާއްޖޭގެ އިގުތިސާދާއި، ސަގާފަތާއި، ރަށްފުށުގެ ދިރިއުޅުމުގައި މަސްވެރިކަމުގެ ދައުރު ވަރަށް ބޮޑަށް ދައްކުވައިދީފައިވާކަން ފާހަގަ ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުމަހުގެ ތަފާތު އުފެއްދުންތައް މެހެމާނުންނަށް ތައާރަފު ކުރުމާއި، ޖީލުތަކުން ފެށިގެން ރާއްޖޭގައި ކުރަމުން އަންނަ، ދޮށީގެ މަސްވެރިކަމުގެ މަޢުލޫމާތު ބައިވެރިންނަށް ޙިއްސާކޮށް އެއީ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ރަމްޒެއްކަން ބުނެދީފައިވެއެވެ.

މީގެ އިތުރުން، ދިވެހި ކެއުންބުއިމުގެ ސަގާފަތުގައި ކަނޑުމަހަށް ދެވިފައިވާ މުހިންމު މަގާމުވެސް މި ހަފުލާގައި ފާހަގަކުރެވުނެވެ. މިކަމަށްޓަކައި ޚާއްޞަކޮށް ޑާކާއަށް ދަތުރުކުރި ރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ވަނީ ދިވެހި ކެއުންތައް ތައްޔާރުކުރާނެ ގޮތް ދައްކާލައި، ދިވެހި ކާނާގައި ކަނޑުމަސް ބޭނުންކުރެވޭ ތަފާތު ގޮތްތައް މެހެމާނުންނަށް ހުށަހަޅައިދީފައެވެ. މެހެމާނުންނަށް ދިވެހި އަސްލު ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދިޔައިރު، ރާއްޖޭގެ މަސްވެރިކަމާއި، ކެއްކުމުގެ ސަގާފަތާއި، ރަށްފުށުގެ ދިރިއުޅުމާ އޮތް ގުޅުމާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެން ދިޔައެވެ.

ހަމައެހެންމެ މި ގާލާގެ ތެރެއިން، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖޭގެ ރަށްތަކުގެ ހިތްގައިމުކަމާއި، ގުދުރަތީ ރީތިކަމާއި، މެހެމާންދާރީގެ އިތުރުން މުއްސަނދި ސަގާފީ ތަރިކަ ދައްކާލެވުނެވެ. ހައިކޮމިޝަނުން ބުނީ ބަންގްލަދޭޝްގެ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަކީވެސް މި ހަފުލާގެ ބޭނުމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް