ޕާކިސްތާނާއި، ސަޢޫދީ ޢަރަބިއްޔާ އަދި ތުރުކިޔޭގެ ވެރިން
ޕާކިސްތާނާއި، ސަޢޫދީ ޢަރަބިއްޔާ އަދި ތުރުކިޔޭގެ ވެރިން
ޕާކިސްތާނާއި، ސަޢޫދީ ޢަރަބިއްޔާ އަދި ތުރުކިޔޭ ގުޅިގެން ޤާއިމުކުރި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ޢަމަލީ ގޮތުން ތަންފީޛުކުރުމަށާއި، ސަޢޫދީގެ ދިފާޢުގައި އަސްކަރީ ފައުޖުތައް އަވަސް މުއްދަތެއްގެ ތެރޭގައި ފޮނުވުމަށް އެ ޤައުމުތަކުން ނިންމުމާ ގުޅިގެން، ޣައްޒާގެ ހިތާމަވެރި މަޝްރަޙާ އަޅާބަލައި ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވެއްޖެއެވެ.

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގައި ފަލަސްޠީނުގެ އެތައް ހާސް ކުށެއްނެތް ކުޑަކުދިންނާއި ޢާންމުން ޝަހީދުކޮށް، ޞިއްޙީ މަރުކަޒުތަކާއި އާބާދީތައް ބިމާހަމަކުރަމުން ދިޔައިރު، އިސްލާމީ ބޮޑެތި ޤައުމުތަކުގެ ދައުރު ހަނިވެފައި އޮތީ ހަމައެކަނި ބަޔާންތައް ނެރުމަށާއި ބައްދަލުވުންތައް ބޭއްވުމަށް ކަމަށް މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ނަމަވެސް، ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތަށް ނުރައްކާވުމާއެކު، އެ ޤައުމުތަކުން ކުއްލި އަސްކަރީ ފިޔަވަޅުތަކެއް އަޅަން ފެށުމުން، އިސްލާމީ ޤައުމުތަކުގެ އިސްކަންދޭ ކަންކަމުގައި ހުރި ފަރަގާއި، ޚާރިޖީ ސިޔާސަތުގައި ގެންގުޅޭ ދެފުށްދެކެހެރި އުޞޫލުތައް ސާފުވެގެން ގޮސްފައިވާ ކަމަށް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މި އަސްކަރީ އިއްތިޙާދުގެ ދަށުން ކުރިމަތިލާންޖެހޭ ފަރާތަކީ ޣައްޒާގެ ޙައްޤުގައި ވަކާލާތުކޮށް ފަލަސްޠީނަށް ތާއީދުކުރަމުންދިޔަ ޔަމަނުގެ އަންޞާރުﷲ (ޙޫޘީން) ކަމަށްވުމީ، ޙަޤީޤަތް އޮޅުވާލުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މާލީ ގޮތުންނާއި އަސްކަރީ ގޮތުން ބާރުގަދަ އިސްލާމީ ޤައުމުތަކުން ޣައްޒާއަށްޓަކައި އެކަށީގެންވާ ޤުރުބާނީއެއް ވެފައިނުވާއިރު، ނިކަމެތި ޙާލުގައި އޮތް ޔަމަނުގެ ރައްޔިތުން ފަލަސްޠީނުގެ ދިފާޢުގައި ބޮޑެތި ޤުރުބާނީތަކެއް ވަމުންދާކަން މުޙައްލިލުން ފާހަގަކުރެއެވެ.

2015 ވަނަ އަހަރު ސަޢޫދީ އިސްވެ ޔަމަނާ ދެކޮޅަށް ކުރި ހަނގުރާމައަށް ސިފައިން ފޮނުވުމަށް ޕާކިސްތާނުގެ ޕާލަމެންޓުން ދެކޮޅުހަދައި، އެހެން ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ނުވަނުމަށް ނިންމި ހަރުދަނާ ނިންމުން މިހާރު ބަދަލުވަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ނިންމުމަކީ ޕާކިސްތާނުގެ ޢާންމު ރައްޔިތުންނާއި މަޖިލީހުގެ މަޝްވަރާއެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށާއި، މީގެ ސަބަބުން އަވައްޓެރި އީރާނާއެކު އޮތް ގުޅުމަށް ބުރޫއަރައި، ޕާކިސްތާނުގެ ސިޔާދަތާއި މިނިވަންކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު ސިޔާސީ މާހިރުން ދެއްވައެވެ.

އިސްލާމީ އުޚުއްވަތްތެރިކަމުގެ ނަމުގައި، ޣައްޒާގެ މުސްލިމުން ޝަހީދުވަމުން ދިޔައިރު އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްނުދީ، ފަލަސްޠީނުގެ ދިފާޢުގައި ތެދުވި ފަރާތްތަކާ ދެކޮޅަށް ސިފައިން ފޮނުވަން ނިންމި ނިންމުމަކީ ޤައުމީ މަޞްލަޙަތު އިސްކުރުން ނޫން ކަމަށާއި، އެއީ ބޭރުގެ ޚާރިޖީ އެޖެންޑާތަކަށްޓަކައި ޤައުމުގެ ސިފައިން ޤުރުބާންކުރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު