ޒެހުތު ޕާޓީގެ ލީޑަރު އަދި ލިކުޑް ޕާޓީގެ ކުރީގެ މަޖިލިސް މެންބަރު ފެއިގްލިން
ޒެހުތު ޕާޓީގެ ލީޑަރު އަދި ލިކުޑް ޕާޓީގެ ކުރީގެ މަޖިލިސް މެންބަރު ފެއިގްލިން
ޣައްޒާގައި ތިބި ފަލަސްޠީނުގެ ކުށެއްނެތް ތުއްތުކުދިން މެރުމަކީ "އަޚްލާޤީ ގޮތުން ރަނގަޅު" ކަމެއް ކަމަށް ބުނެ، އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިޔާސީ ލީޑަރެއް ކަމަށްވާ މޯޝޭ ފެއިގްލިން ދެއްކި ލާއިންސާނީ ވާހަކަތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ޒެހުތު ޕާޓީގެ ލީޑަރު އަދި އިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުގައި ލިކުޑް ޕާޓީ ތަމްސީލުކުރި ކުރީގެ މެންބަރު ފެއިގްލިން މި މޭރުމުން ވާހަކަދައްކާފައިވަނީ "ދަ ޖެރޫސަލަމް ޕޯސްޓް" އަށް ދިން އިންޓަވިއުއެއްގައެވެ.

އޭނާ ބުނި ގޮތުގައި އިޒްރޭލުގެ ޙަޤީޤީ ޢަދާވާތްތެރިޔަކީ ހަމައެކަނި ޙަމާސް ޖަމާޢަތެއް ނޫނެވެ. އަދި މާދަމާ ޣައްޒާއަށް އުފަންވާ ކޮންމެ ކުއްޖަކީވެސް އިޒްރޭލާ ދެކޮޅު ފަރާތަކަށް ވާނެ ކަމަށް ބުނެ، މުޅި ޣައްޒާ އެއްކޮށް ސުންނާފަތިކޮށް، އެ ބިމުގައި ޔަހޫދީން އަލުން ވަޒަންވެރިކުރުވުމަށް އޭނާ ވަނީ ގޮވާލާފައެވެ. މީގެއިތުރުން، ޣައްޒާ އެއްކޮށް ހުސްކޮށްލުމާއި ހުޅަނގު އައްސޭރި އެއްކޮށް އިޒްރޭލުގެ ބާރުގެ ދަށަށް ގެނައުމަކީ ޔަހޫދީންގެ އަސްލު ފިކުރު ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ.

ކުރިއަށް އޮތް އިޒްރޭލުގެ ޢާންމު އިންތިޚާބަށްޓަކައި، ފެއިގްލިންގެ ޒެހުތު ޕާޓީން މިހާރު ވަނީ އެ ޤައުމުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗްގެ 'ރިލިޖިއަސް ޒިއޮނިޒްމް' ޕާޓީއާއެކު ކޯލިޝަން ހަދާފައެވެ.

ފަލަސްޠީނުގެ ރައްޔިތުން ނައްތާލުމަށާއި ނަސްލުހޭދަކުރުމަށް ހިތްވަރުދީ، ފެއިގްލިން މީގެ ކުރިންވެސް ވަނީ މިފަދަ ހައްދުފަހަނައެޅި އެތައް ވާހަކައެއް ދައްކާފައެވެ. އޭނާގެ މި ނުރައްކާތެރި ވިސްނުމުގެ ސަބަބުން، 2008 ވަނަ އަހަރު އިނގިރޭސިވިލާތުން ވަނީ އޭނާ އެ ޤައުމަށް އެތެރެވުން މަނާކޮށްފައެވެ.

އދ. އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން ދަނީ ޣައްޒާގެ ކުޑަކުދިންނަށް ޢަމާޒުކޮށް ގަސްދުގައި ނުރައްކާތެރި ޙަމަލާތައް ދެމުންނެވެ. އިޒްރޭލުން ހިންގަމުންދާ މި ލާއިންސާނީ ޢުދުވާނުގައި މިހާތަނަށް ފަލަސްޠީނުގެ 20,000 އަށްވުރެ ގިނަ މައުސޫމް ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު