އައިއެންސީގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބޭފުޅަކު ވާހަކަ ދައްކަވަނީ--
އައިއެންސީގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބޭފުޅަކު ވާހަކަ ދައްކަވަނީ--
ޕްލާސްޓިކް ކުނީގެ ސަބަބުން ކުރިމަތިވާ ތަޣައްޔަރުވުން ހުއްޓުވުމަށް އެކުލަވައިލާ ބައިނަލްއަޤްވާމީ މުޢާހަދާގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ޙާލަތާއި އެ ޤައުމުތަކަށް ދިމާވާ ޚާއްޞަ ގޮންޖެހުންތައް ހިމެނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ، ތައިލެންޑުގެ ބެންކޮކްގައި ބޭއްވުނު ޕްލާސްޓިކް ތަޣައްޔަރުވުމާ ބެހޭ ބައިނަލްއަޤްވާމީ މަޝްވަރާ ކޮމިޓީ (އިންޓަރގަވަރމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ - އައި.އެން.ސީ) ގެ 2 ވަނަ ނުރަސްމީ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ލީގަލް ކައުންސެލް ފަޒީލާ އަޙްމަދު ޝަހީމް އަދި އެންވަޔަރަންމަންޓް އެނަލިސްޓް ފާޠިމަތު ޝަމްރާއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ފާހަގަކޮށްފައިވަނީ، ޕްލާސްޓިކް ތަޣައްޔަރުވުމަކީ ޤައުމުތަކުގެ ސަރަޙައްދީ އިމުން ބޭރުވެ، ކުދި ޖަޒީރާ ޤައުމުތަކަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރަމުންދާ ކަމެއް ކަމެވެ. އެހެންކަމުން، މިފަދަ ޤައުމުތަކުގެ ނާޒުކުކަމާއި ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްކޮށް، އެކުލަވައިލެވޭ އެންމެ ފަހުގެ މުޢާހަދާގައި އެކަންކަން ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ހިމަނައި، ޢަމަލީ ގޮތުން ތަންފީޛުކުރުމަށް ރާއްޖެއިން ވަނީ ބާރުއަޅާފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕްލާސްޓިކް ތަޣައްޔަރުވުން ހުއްޓުވުމާ ގުޅޭ މުޢާހަދާގެ މުހިންމު ބައިތަކާ މެދު ޚިޔާލު ބަދަލުކޮށް، މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، 2027 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އައި.އެން.ސީގެ 5 ވަނަ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނުގައި މި މުޢާހަދާ ފާސްކުރުމަށްޓަކައި، ޤައުމުތަކުގެ މެދުގައި އިއްތިފާޤުވުމަށް މަގުފަހިކުރުމަކީވެސް މި ބައްދަލުވުމުގެ ބޭނުމެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްވަރާތަކުގެ ސަބަބުން ތިމާވެއްޓަށް ދިމާވެފައިވާ މި ބޮޑު މައްސަލައަށް ދެމެހެއްޓެނިވި އަދި ދާއިމީ ޙައްލެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު