ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް މިއަދު ދިވެހިރާއްޖެއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފެހި އަދި ދުޅަހެޔޮ މާޙައުލެއް ކަށަވަރުކޮށް ދިނުމަށްޓަކައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ވަރަށް މުހިންމު ވަޢުދެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން މިއަދު ބުނީ، މި ގަސްތައް ދިވެހި ސަރުކާރާ ޙަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ އިއްޔެ ހުޅުމާލޭގައި ކަމަށެވެ. މި އެހީއަކީ ރާއްޖޭގެ ރަށްތައް ފެހިކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވެދިން އެހީތެރިކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އިންޑިއާއިން ހަދިޔާކުރި މި ގަސްތަކުގެ ސަބަބުން، ރާއްޖޭގެ ފެހި މާޙައުލު އިތުރަށް ފުޅާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ. މި ރަސްމިއްޔާތުގައި ގަސް އިންދުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު އެހީއަށްޓަކައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ އިސްކަންދޭ ގައުމީ މަސައްކަތްތަކުގައި އިންޑިއާއިން ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން ޑިޕްލޮމެޓިކް ކޯގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ފެހިކަންމަތީ ދެމެހެއްޓުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް