އެކްސަސައިޒް ޖައްރާފާ 2026 ގެ ތެރެއިން
އެކްސަސައިޒް ޖައްރާފާ 2026 ގެ ތެރެއިން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ "އެކްސަސައިޒް ޖައްރާފާ 2026" ގެ ފަރިތަކުރުންތަކުގެ ތެރެއިން، މީހުން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވާ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ހާއްސަ ސިނާރިއޯއެއް މިއަދު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ ސޯމިލްގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކުގައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ސިނާރިއޯ ފަށާފައިވަނީ މިއަދު ހަވީރު 16:00 ހާއިރު އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ ގުޅިގެންނެވެ. އެ މައުލޫމާތު ލިބުމާއެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ އޮޕަރޭޝަން ފަށާނެ ގޮތް ފަރިތަކޮށްފައެވެ.



އެކްސަސައިޒް ޖައްރާފާ 2026 ގެ ތެރެއިން


މި ފަރިތަކުރުމުގެ ތެރެއިން، ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފައިވެއެވެ. އެމްޓީސީސީ ސޯމިލް އެކޮމަޑޭޝަން ބްލޮކަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަނަކަށްވެފައި، ހާދިސާ ހިނގި ވަގުތުވެސް ގިނަ ބަޔަކު އެ ތަނުގައި ތިބޭނެތީ، އިމާރާތުގެ ތެރޭގައި މީހުން ތާށިވެފައި ތިބެދާނެ ކަމަށް ބަލައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އިތުރު ޓީމުތަކުންވެސް ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.

މިއަދު ކުރިއަށްދިޔަ މި ހަރަކާތް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު ފާޠިމަތު މިޒުނާ ޢަލީ ވަނީ އެ ސަރަހައްދަށް ވަޑައިގެން ބައްލަވާލައްވާފައެވެ.



އެކްސަސައިޒް ޖައްރާފާ 2026 ގެ ތެރެއިން


"އެކްސަސައިޒް ޖައްރާފާ 2026" އަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސަލާމަތީ އަދި ކަމާގުޅުންހުރި އެކި އިދާރާތައް ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކޮށް، މިފަދަ ހާދިސާތަކަށް އޮންނަ ތައްޔާރީ ހާލަތު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމުގެ މަގުސަދުގައި އެމްއެންޑީއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ މުހިންމު ތަމްރީނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް