ރޭ އެކްސިޑެންޓު ހިނގި ސަރަހައްދު
ރޭ އެކްސިޑެންޓު ހިނގި ސަރަހައްދު
މާލޭގެ ސޯސަންމަގުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސޯސަންމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 01:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާއިރު، އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ މާހުގެ އިތުރުން އަނެއް ސައިކަލުގައި ތިބި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި އަންހެނެކެވެ.

އަނިޔާވި މީހުންގެ ތެރެއިން 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަދި 22 އަހަރުގެ ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުންގެ ތަހުގީގު އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވި ގޮތުގައި، މާހު ދުއްވި ސައިކަލު ޖެހި އަނެއް ސައިކަލުގައި ތިބި ދެ މީހުންގެ ސިކުނޑިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެ ދެ މީހުންގެ ހާލުވެސް އަދިވެސް ވަރަށް ނާޒުކެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާތީއެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓް ރިޕޯޓާއި، ހާދިސާ ރިޕޯޓު އަދި ޓްރެފިކް ވައިލޭޝަން ރެކޯޑުތައް ހިމެނެއެވެ. މީގެއިތުރުން، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އައިއޯ ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި، އޭނާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އަދި އެކްސިޑެންޓް ހިނގި ވަގުތު އޭނާ ސައިކަލު ދުއްވާފައިވަނީ ބާރު ސްޕީޑުގައި، ޒިގްޒެގްކޮށް މަގުމަތީގެ ރައްކާތެރިކަމަށް ނުބަލައި ނުރައްކާތެރި ގޮތަކަށެވެ. މީގެއިތުރުން، ލައިސަންސް ނެތި ދުއްވައިގެން މި އަހަރުގެ ތެރޭގައި އެކަނިވެސް 4 ފަހަރެއްގެ މަތިން އޭނާ ހުއްޓުވައި ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ބަންދު އަޑުއެހުމުގައި ވަކީލަކު ބޭނުންނުވާ ކަމަށް އޭނާ ބުނުމުން، ވަކީލަކު ނެތި ދައްކާ ވާހަކަތަކަކީ އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމާއި، ހަނުހުރުމުގެ ހައްގު އޮތްކަން ގާޒީ ވަނީ އޭނާއަށް ހަނދާންކޮށްދެއްވާފައެވެ. މި އަޑުއެހުމުގައި އޭނާއަށްވެސް އަނިޔާތަކެއް ލިބިފައިވާތީ ބަންދަށް ލުޔެއް ދިނުމަށް އެދުނު ނަމަވެސް، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް