ސައުދީ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު
ސައުދީ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު
ސައުދީ ޢަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ފުޅާވެ، ވަރުގަދަވަމުން އަންނަކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ ސައުދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

މި މުނާސަބަތުގައި ރާއްޖޭގެ ވެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުން ސަފީރު ވިދާޅުވީ، ސައުދީގެ ޤައުމީ ދުވަހަކީ މަރުޙޫމް ރަސްގެފާނު ޢަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އަލް ސަޢޫދުގެ ޒަޢާމަތުގައި އެ ޤައުމު އެއްބައިވަންތަކުރެވުނު ތާރީޚީ ކާމިޔާބީ ހަނދާން އައުކޮށް، ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމުގެ ދަތުރު ފާހަގަކުރާ މުހިންމު ދުވަހެއް ކަމަށެވެ.

މީގެއިތުރުން، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އަދި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ ހަރުދަނާ ލީޑަޝިޕްގެ ދަށުން، 'ސައުދީ ވިޜަން 2030' ގެ އަމާޒަށް ވާސިލުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ސަފީރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިޤްތިޞާދު ސިންދަފާތުކުރުމާއި، އިންވެސްޓްމަންޓް، އައު އީޖާދުތައް، ޓެކްނޮލޮޖީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެ ޤައުމު ހޯދަމުންދާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު އަލްޤަޙްޠާނީ ވިދާޅުވީ، އިސްލާމީ އުޚުއްވަތްތެރިކަމާއި އެކަކު އަނެކަކަށް ކުރާ އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ މި ގުޅުމާމެދު ސައުދީން ފަޚުރުވެރިވާ ކަމަށެވެ. އަދި ސިޔާސީ، ތަރައްޤީ، އިޤްތިޞާދީ، ތަޢުލީމީ އަދި ދީނީ ދާއިރާތަކުން މަތީ ފަންތީގެ އެއްބާރުލުން ދެމުން އަންނަކަން ބަޔާންކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ސައުދީން ވެދެމުންދާ އެހީތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، 1978 ވަނަ އަހަރުން ފެށިގެން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ އުމްރާނީ ތަރައްޤީ، ބޯހިޔާވަހިކަން، ޞިއްޙަތު، ފެނާއި ނަރުދަމާ އަދި ދަތުރުފަތުރުގެ ދާއިރާ ހިމެނޭހެން މުހިންމު މަޝްރޫޢުތަކަށް ގާތްގަނޑަކަށް 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރާއްޖެއިން އަބަދުވެސް ސައުދީއާއެކު ބަހައްޓާ ގާތް ގުޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ސަފީރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ސަފީރުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ކުރިމަގުގައިވެސް ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމު، ޓެކްނޮލޮޖީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސައުދީން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި ދެ ޤައުމަށް އަމަންއަމާންކަމާއި ދާއިމީ ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް