ހައިކޯޓު-
ހައިކޯޓު-
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ކްލަބް ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލައެއްގައި، އެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ގާނޫނާ އެއްގޮތަށް ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ 29 އޮކްޓޫބަރު 1987 އިން ފެށިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި 34 އަހަރު ވަންދެން ވަޒީފާ އަދާކުރި ހުޅުމާލެ ފްލެޓް، މުހައްމަދު އަބްދުއްރައްޒާގު ވަޒީފާއިން ވަކިކުރުމުން އުފެދުނު މައްސަލައެކެވެ. ސީނިއާ އޮފިސަރެއްގެ މަގާމުގައި ހުރި ރައްޒާގު 23 ސެޕްޓެމްބަރު 2021 ގައި ވަޒީފާއިން ވަކިކުރީ، އެ އޮފީހުގެ މުވައްޒަފުންގެ ރެކްރިއޭޝަނަލް ކްލަބްގެ 44,399.90 ރުފިޔާ ގެއްލުނު މައްސަލަ އެ އޮފީހުގެ ހިއުމަން ރިސޯސް އެންޑް އެތިކްސް ކޮމިޓީން ބެލުމަށް ފަހުގައެވެ. މި މައްސަލައިގައި ރައްޒާގުގެ އިތުރުން އެސިސްޓަންޓް އޮޑިޓާ މުހައްމަދު ހަމްދޫނަށް ވެސް ފިޔަވަޅު އެޅިއެވެ. ނަމަވެސް އޭނާއަށް ދިނީ ލިޔުމުން ނަސޭހަތެވެ.

ވަޒީފާއިން ވަކިކުރުމުން ރައްޒާގުގެ ފަރާތުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އޭނާ ދައުވާގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް، ގާނޫނާ ޚިލާފަށް ކަމަށެވެ.

އެހެންކަމުން އެއީ ބޭއިންސާފުން ކޮށްފައިވާ ކަމެއް (އަންފެއާ ޑިސްމިސަލް) ކަމަށް ކަނޑައަޅައި، އަލުން ވަޒީފާ ރުޖޫއަކޮށްދިނުމަށާއި، ވަކިކުރި ދުވަހުން ފެށިގެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދުމަށާއި އަދި ނޯޓިސް ނުދީ ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އޭނާ އެދުނެވެ. ނަމަވެސް، ޓްރައިބިއުނަލުން ނިންމީ އޮޑިޓް އޮފީހުގެ މައްޗަށް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ޓްރައިބިއުނަލްގެ ނިންމުން ގޯސް ކަމަށް ބުނެ ރައްޒާގުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކުރަން ޖެހޭ އެއްވެސް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ރައްޒާގު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަނީ ދަމަހައްޓާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް