ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން، ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ މާދަމާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ މާދަމާއަށް ތާވަލުކުރެވުނު ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ފަސްކުރަން ޖެހުނީ ދަޢުލަތުގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ، ޝަރީޢަތް ފަސްކޮށްދިނުމަށް ދަޢުލަތުގެ ފަރާތުން އެދުމާ ގުޅިގެން ކަމަށެވެ.

ފުއްގިރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޤަބޫލުކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ރައީސް ޔާމިނަށް ތުހުމަތުކޮށް ކުރިއަށްގެންދާ މި ޝަރީޢަތުގައި ހެކިބަސް ނެގުމުގެ މަރުޙަލާ މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މި މައްސަލައިގައި ދެން އޮތީ ހެކިތަކާ ގުޅޭގޮތުން ދެފަރާތުން ޚުލާޞާ ގޮތެއްގައި ވާހަކަދެއްކުމުގެ މަރުޙަލާ ނަމަވެސް، މި ހިސާބުން ޝަރީޢަތުގެ އަޑުއެހުންތައް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މީގެއިތުރުން، ވ. އާރަށު މައްސަލައާ ގުޅިގެން ރައީސް ޔާމީނާ ދެކޮޅަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ވަނީ ތާވަލުކުރެވިފައެވެ. އާރަށު މައްސަލައިގައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރިން އިއްވި ޙުކުމް ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެން، އެ މައްސަލަ އަލުން ބެލުމުގެ މަސައްކަތް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް