ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ޓްރަކެއްގެ މަތިން ސައިކަލެއް ބިންމައްޗަށް ވައްޓާލާ މަންޒަރު ފެންނަ މައްސަލައިގައި، އެއީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލުމަށް ކަނޑައަޅާފައިވާ އުޅަނދެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ ޓޯކުރުމަށްފަހު، އެ ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވިއިރުވެސް ވެރިފަރާތްތަކުން ހަވާލުވެފައިނުވާ އުޅަނދުތަކެއް ކަމަށެވެ. އަދި އެ އުޅަނދުތަކަކީ ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ލިބިފައިވާ ތަކެތި ކަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ، ވީޑިއޯއިން އެ ފެންނަނީ ނައްތާލަން ކަނޑައަޅާފައިވާ އުޅަނދުތައް ކުނީގެ ގޮތުގައި ތިލަފުށްޓަށް ގެންދިއުމަށްޓަކައި، ހުޅުމާލެ ފޭސް 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް، ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ ވަގުތުގެ މަންޒަރެއް ކަމަށެވެ.

ފުލުހުން ޓޯކޮށްފައިވާ ސައިކަލެއް ޓްރަކަކުން ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ގިނަ ބަޔަކު ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އާންމު ރައްޔިތުން ބޮޑު އަގުދީފައި ގަންނަ އަގުބޮޑު މުދަލާމެދު އެގޮތަށް އިހުމާލުވަނީ ކަމަށް ބުނެ ބައެއް އާންމުން ވަނީ ފާޑުކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު