ބީއެމްއެލްގެ ސީއީއޯ ޝަރީފް-
ބީއެމްއެލްގެ ސީއީއޯ ޝަރީފް-
މިއަހަރުގެ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރި ބޭރުގެ މުއާމަލާތްތައް ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބީއެމްއެލްއިން ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 33.33 އިންސައްތައިގެ އިތުރުވުމެކެވެ.

​އޮގަސްޓް މަހުގެ ނިޔަލަށް ބީއެމްއެލްއިން އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. ބޭންކުން ލަފާކުރާ ގޮތުގައި މި ނިސްބަތުން ޑޮލަރު ވިއްކުން ކުރިއަށްދާނަމަ، އަހަރު ނިމޭއިރު ޖުމްލަ ވިއްކި މިންވަރު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ.

ބޭންކުން ދޫކުރި ޑޮލަރުގެ މައިގަނޑު ބަހާލުމަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކުރެވިފައިވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރި މުއާމަލާތްތަކަށެވެ. އެއީ މަހަކު 38 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އަށް މަހަކު 27 މިލިއަން ޑޮލަރު، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް 9.4 މިލިއަން ޑޮލަރު އަދި ސިއްހީ އާއި ތައުލީމީ ބޭނުންތަކަށް މަހަކު 7.3 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.

​ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު މި މިންވަރަށް ރުފިޔާ އެކައުންޓްތަކުން ޑޮލަރު ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ. ހާއްސަކޮށް ސެޕްޓެމްބަރު މަހަކީ އާންމުކޮށްވެސް ރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑު މަހަކަށްވުމުން، ބޭންކަށް ހުރި ގޮންޖެހުންތައް އިތުރަށް ބޮޑުވެގެން ދިޔައެވެ.

މި ސަބަބާ ހުރެ ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ޓީޓީތަކާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.

​މި ހާލަތު ޒިންމާދާރުކަމާއެކު މެނޭޖްކުރުމަށްޓަކައި ބީއެމްއެލްއިން ވަނީ ދާދިފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ކޮންމެހެން ބޭނުންތެރި ޒަރޫރީ މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ. އެ ބޭންކުން ބުނި ގޮތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބޭންކުން ބޭރުވާ ޑޮލަރާއި ލިބޭ ޑޮލަރުގެ މިންވަރު މިހާތަނަށް ވަނީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ. އަދި ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ބޭންކުން ލަފާކުރެއެވެ.

​ބީއެމްއެލްއިން ކަށަވަރުކޮށްދޭ ގޮތުގައި މިއީ ބޭންކުގެ މާލީ ހާލަތު ބެލެންސް ޝީޓުގެ ބަލިކަށިކަމެއްގެ ސަބަބުން ދިމާވި ކަމެއް ނޫނެވެ. މިއީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދުނު ވަގުތީ ނުތަނަވަސްކަމެކެވެ. ބޭންކުން ދަނީ ކަސްޓަމަރުންނާއި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް