ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަން 1.3 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިއްމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރާ ވެރިކަން ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ދުވަހަކުވެސް ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް ވައްޓާލާފައި ކަމަށެވެ. އަދި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ވޭތުވެދިޔަ ހަތަރު ފަސް އަހަރު ތެރޭގައި ފައިސާ ނަގައި، އެ ފަންޑު އެއްކޮށް ހުސްކޮށްލާފައިވާ ކަމަށާއި، އެހެންކަމުން މި ސަރުކާރަށް ޖެހުނީ ހުރިހާ ކަމެއް ސުމަކުން ފަށައިގެން އިގްތިސާދު ބިނާކުރަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.ރައީސް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން 1.32 ބިލިއަން ޑޮލަރު ދައްކަންޖެހިފައިވެއެވެ. އޭގެތެރެއިން މި ސަރުކާރުން މިހާތަނަށް 532 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ހަލާސްކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.މިއީ ގައުމުގެ ދަރަނިން ސަލާމަތްވުމުގެ އިތުރުން، ގައުމުގެ އެންމެ ހަރު މުދަލާއި މިނިވަންކަން ދިފާއުކޮށް ކަށަވަރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމްޑީޕީން ޤައުމުގެ މާލީ ނިޒާމު ދަށު ދަރަޖައަކަށް ވައްޓާލާފައިވުމުން، އެ ޕާޓީން ދަރަނީގެ ހާލަތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.އެ ޕާޓީގެ ވެރިކަން ނިމިގެންދިޔައީ ދައުލަތުގެ ހަޒާނާ ހުސްކޮށްލުމަށްފަހު، ގައުމު ބޮޑު އިގްތިސާދީ ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލާފައި ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.މިއަދު އިދިކޮޅު ފަރާތްތަކުން ދައްކަނީ ޒިންމާދާރުކަމެއް ނެތް ވާހަކަތަކެއް ކަމަށާއި، ނަގާފައިވާ ދަރަނިތަކަށް ޒިންމާވާން އެ ޕާޓީން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ.މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، މި ސަރުކާރުން ރައްޔިތުންނަށް ދަތިނުވާނެހެން ދަރަނިތައް މެނޭޖްކޮށް، ޤައުމުގެ މާލީ މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު