ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ނުނިމޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަޕާސަން ޢަބްދުއްރަޙީމް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.

ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ނިމިގެންދިޔައީ ރައީސް މުއިއްޒުގެ ވެރިކަން ނޫން ކަމަށާއި، ނިމުނީ ރައީސް ޔާމީންގެ ވެރިކަން ކަމަށެވެ. އަދި އެ ވެރިކަން ނިމެންޖެހުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި، އަނިޔާވެރިކަމުގެ އިތުރުން ދައުލަތުގެ ބައިތުލްމާލަށް ޚިޔާނާތްތެރިވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ފަލާހާ އަބްދުއްރަހީމާ މުއިއްޒުގެ ވެރިކަމެއް ނުނިމެޔޭ. ނިމުނީ އެ ބޭފުޅާގެ [ޔާމީންގެ] ވެރިކަން. ވެރިކަން ނިމުނީ ބޮޑާކަމުން. ވެރިކަން ނިމުނީ ކިބުރުވެރިކަމުން. ވެރިކަން ނިމުނީ ނުލަފާ ކަމުން. ވެރިކަން ނިމުނީ ބަސްނޭހީމާ. ވެރިކަން ނިމުނީ އަދުލުއިންސާފު ގާއިމްނުކުރީމާ. ވެރިކަން ނިމުނީ އަނިޔާވެރިވީމާ. ވެރިކަން ނިމުނީ ހިޔާނާތްތެރިވީމާ. ވެރިކަން ނިމުނީ ދިވެހިރައްޔިތުންގެ ބޭތުލްމާލު ދިރުވާލީމާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީ ބައިބައިކޮށްލުމަށް ރައީސް ޔާމީނަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށާއި، ޕާޓީގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށް، އިޚްލާޞްތެރިކަމާއެކު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެބޭފުޅުން ގޯސްވީ ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން، ދެ ޕާޓީ ހިންގެވުން އޭނާއާ ހަވާލުކުރެއްވީ އެންމެ އިތުބާރުކުރައްވާ ބޭފުޅާގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ އިތުބާރު ގެއްލުނީ ރިޔާސީ އިންތިޚާބު ބޮއިކޮޓްކުރުމަށް ރައީސް ޔާމީން އެންގެވި އެންގެވުމަށް ނުކިޔަމަންތެރިވެ، ވަކި ފަރުދަކަށްވުރެ ޤައުމާއި ފިކުރު އިސްކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަބުދުއްރަހީމްގެ ބަހުގެ ހަމަލާތަކެއް ޔާމިނަށް އަމާޒުވެފައިމިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ރައީސް ޔާމިން ވަނީ މަޖިލިސް މެމްބަރުން ނަކީ ކުއްތާ ކޮއްޓެއް ގޮތަށް ސިފަކުރައްވާފައެވެ. ޔާމީން ވިދާޅުވީ ރައީސް މުޢިއްޒާއި ފަލާހާ އަބުދުއްރަހީމްގެ ވެރިކަން ނިމިއްޖެ ކަމަށާއި ދެން ވެރިކަމަށް އެބޭފުޅުންނަށް ނާދެވޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ތެރޭގައި ޕީއެންސީގެ މެމްބަރުން ހިމޭން އިންގިލާބެއް ހިނގަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު