ޕްރޮގުރެސިވް ކޯލިޝަންގެ އިސްބޭފުޅުން
ޕްރޮގުރެސިވް ކޯލިޝަންގެ އިސްބޭފުޅުން
ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި އިސްލާމްދީނާއި ދެކޮޅަށް ފްރާންސުން ހިންގަމުން ގެންދާ ޢަމަލުތަކާއި ދެކޮޅަށް ތެދުވެ ދިވެހި ސަރުކާރުން ބަސްބުނުމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މިރޭ ގޮވާލައިފިއެވެ.

ޕީޕީއެމާއި ޕީއެންސީ އިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކިރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ، މާތްވެގެންވާ އިސްލާމް ދީނާއި ދެކޮޅަށް ފްރާންސުން ހިންގަމުން ގެންދާ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފްރާންސުން ހިންގަމުން ގެންދާ ޢަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ތެދުވެ ބަސް ބުނުމަށް ވެސް އެބަޔާނުގައި ގޮވާލާފައި ވެއެވެ.

މިކަމާގުޅިގެން ރާއްޖޭގެ ޚާރިޖީ އޮފީހުން ބަޔާނެއް ނެރެ ޚާރިޖީ ވަޒީރުވަނީ އެބަޔާން ޓްވީޓްވެސް ކުރަށްވާފައެވެ. އެބަޔާނުގައި ފްރާންސްގެ ވާހަކައެއް ނޫނީ އެކަން ކުރަމުންދާ އެއްވެސް ބައެއްގެ ވާހަކައެއްވެސް ހިމަނާފައެއް ނެތެވެ. އެބަޔާނުގައި އެއްވެސް ފަރާތަކުން ހައްދުފަހަނައަޅާ ދިއުމަށް ދިވެހި ސަރުކާރުން ތާއީދު ނުކުރާ ކަމަށާއި އަދި އެއީ ޚިޔާލުފާޅުކުރުން ނޫން ކަމަށް ބުނެފައި ވީނަމަވެސް ރާއްޖެއިން ޑިމޮކްރެސީގެ ރޫހާ އެއްގޮތަށް ޚިޔާލުފާޅުކުރުމުގެ ހައްގަށް އިހުތިރާމު ކުރާކަން ވަރަށް ސާފުކޮށް ބަޔާނުގައި ހާމަކޮށްފައި ވެއެވެ. ސަރުކާރުން ނެރުނު މިބަޔާނުގައި ހިމެނޭ ބައިތައް ނަކަލުކޮށް ފޮޓޯ ހަދައިގެން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ދީނީ ޢިލްމުވެރިން ވަނީ ޓްވީޓްކޮށް ސަރުކާރަށް ޝުކުރު އަދާކޮށް ތަޢުރީފު ކޮށް ތަރުހީބު ދީފައެވެ.

ފްރާންސްގެ މަޖައްލާއަކުން، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ޝާއިޢުކޮށް އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ ޢަމަލުތައް ހިންގަމުން ގެންދާއިރު، އެކަމަށް އެޤައުމުގެ ސަރުކާރުން އަދި ވަކިން ހާއްސަކޮށް ފްރާންސްގެ ރައީސް ތާއީދު ކުރެއްވުމަކީ މިކަމަށް ހިތްވަރު ދީ އިތުރަށް ހާލަތު ގޯސްކުރުމަށް މަސައްކަތް ކުރުން ކަމަށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ފްރާންސުން މުސްލިމް އުންމަތާއި ދެކޮޅަށް ހިންގަމުން ގެންދާ ޢަމަލުތަކާއި ދެކޮޅަށް ތެދުވެ ބަސް ބުނުމަށް ދިވެހި ސަރުކާރަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ފްރާންސްގެ މަޖައްލާއަކުން އިސްލާމް ދީނާއި ދެކޮޅަށް ބަސްބުނެ ލިޔުންތައް ޝާއިޢުކޮށް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ޝާއިޢުކޮށް ހަދަމުން ދާއިރު، މިފަދަ ޢަމަލުތައް ހިންގަމުން ގެންދާ ޖަމްޢިއްޔާތައް ރާއްޖޭގައިވެސް އިތުރުވަމުން ދާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން އެ ކޯލިޝަނުން ވަނީ ފާޅުކޮށްފައެވެ.

"އިސްލާމްދީނާއި ދެކޮޅަށް ފްރާންސުން ހިންގާ އަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި މި ކޯލިޝަންގެ ފަރާތުން ފުރިހަމަ އަށް ބައިވެރިވެ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތު އަރުވަމެވެ." އިދިކޮޅު ކޯލިޝަން އިން ނެރުނު ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން