ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް ހޯމް މިނިސްޓްރީން ގެޒެޓުކޮށްފައިވާއިރު، އެ އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފައެވެ.

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރޭގައި ހެއާ ޑްރެސަރުން، ބިއުޓީޝަނުން، ބޭބީ ސިޓާސް، ޕާސަނަލް ޓްރެއިނާސް، އިލެކްޓްރީޝަނުން، ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)، ޓުއާ ގައިޑުން، އެކައުންޓެންޓުން އަދި އިމާމުން ހިމެނެއެވެ.

އަަދި މި އިސްލާހަށް އަމަލު ކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތަކުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިން އިންސްޕެކްޓަރުން، ސާވެޔަރުން، ސައިޓް ދުޕަވައިޒަރުން އަދި ޕައިލެޓުން ހިމެނެއެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކުގެ ތެރޭގައި، އިލެކްޓްރިކަލް އިންޖިނޭރުންނާއި، ޑައިވް އިންސްޓްރަކްޓަރުން ހިމެނެއެވެ.

މީގެ އިތުރުން ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކުގެ ތެރޭގައި ހައުސް ކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން، ފްރަންޓް އޮފީސް މެނޭޖަރުން އަދި ޕްރައިމަރީ އާއި ސެކަންޑަރީ ޓީޗަރުން ހިމެނެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އެކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށް އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު