ފްރާންސްގެ ރައީސް މެކްރޯން އަދި ޖަރުމަނުގެ ޗާންސެލާ މިސް އެންޖެލަރ މާކެލް.
ފްރާންސްގެ ރައީސް މެކްރޯން އަދި ޖަރުމަނުގެ ޗާންސެލާ މިސް އެންޖެލަރ މާކެލް.
ކޮވިޑްގެ ދެވަނަ ރާޅަކުން ސަލާމަތް ވުމަށް، ޔޫރަޕުގެ ގިނަ ގައުމުތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅައިފައިވާއިރު، ޖަރުމަނާއި ފްރާންސްގައިވެސް ކޮވިޑާއި ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އަލުން ލޮކްޑައުން ކޮށްފިއެވެ.

ފްރާންސްގައި ކޮވިޑް ޖެހޭ މީހުން އިތުރު ވުމާއެކު މިދިޔަ ބުދަ ދުވަހު ފްރާންސްގެ ރައީސް މެކްރޯން ވަނީ ފްރާންސް ގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުން އިއުލާންކޮށްފައެވެ. މިއީ ފްރާންސްގައި ކޮވިޑާއި ގުޅުވައިގެން ގައުމު ލޮކްޑައުން ކުރި ދެވަނަ ފަހަރެވެ.

ފްރާންސްގައި ހުކުރު ދުވަހުން ފެށިގެން ޑިސެމްބަރު އެކަކާ ހަމައަށް ލޮކްޑައުން ކުރެވޭނެ ކަމަށްވެސް ފްރާންސްގެ ސަރުކާރުން ހާމަކޮށްފައިވެއެވެ. ލޮކްޑައުންގެ މުއްދަތުގައި ފްރާންސްގެ މީހުންނަށް ގެއިން ނުކުމެވޭނީ އެއްގަޑިއިރަށެވެ. އަދި މިގޮތައް ނުކުމެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ބޭސްފަރުވާގެ ކަންކަމުގައި އެކަންޏެވެ. އަދި މިގޮތަށް ބޭރަށް ނުކުތުމަށް ފޯމެއް ފުރައި ހުއްދަ ހޯދަން ޖެހޭނެއެވެ.

ޖަރުމަނުގައިވެސް ކޮވިޑް ޖެހޭ މީހުން އިތުރު ވުމާއެކު ޖަރުމަނުގެ ޗާންސެލާ މިސް އެންޖެލަރ މާކެލް ވަނީ ޖަރުމަނުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުން އިއުލާންކޮށްފައެވެ. އަދި މިލޮކްޑައުންގެ މުއްދަތު 2 ނޮވެމްބަރުން ފެށިގެން 4 ހަފްތާއަށް ކުރިއަށް ދާނެކަމަށް ޖަރުމަނުގެ ޗާންސެލާ ހާމަކުރަށްވާފައިވެއެވެ.

ޖަރުމަނުގެ ލޮކްޑައުންގެ މުއްދަތުގައި ރެސްޓޯރެންޓްތައް ހުޅުވާފައި ހުންނާނީ ހަމައެކަނި ޓޭކްއަވޭ އަށެވެ. މީގެ އިތުރުން ޖަރުމަނުގެ ޖިމް ތަކާއި، ސިނަމާތަކާއި، ޓުއަރިސްޓު ހޮޓާތައް ބަންދު ކުުރެވޭއިރު ފިހާރަތަކުން ހިދުމަތް ހޯދޭނީ ފަހަރަކު މީހަކަށެވެ.

ޖަރުމަނާއި ފްރާންސް ލޮކްޑައުންގެ ހާލަތަށް ގެނެވުނު ނަމަވެސް ދެގައުމުގެ ސްކޫލްތަކާއި ކުދިން ބަލަހައްޓާ ތަންތަނާއި، ދުވަސް ވީ މީހުން ބަލައްޓާ ތަންތަން ހުންނާނީ ހުޅުވާފައި ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ފްރާންސްގައި މިދިޔަ ބުދަ ދުވަހު 36،437 މީހުންނަށް ކޮވިޑް ޖެެހި، ޖުމްލަ ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު އެއްމިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ޖަރުމަނުގައި މިދިޔަ ބުދަ ދުވަހު 14،964 މީހުންނަށް ކޮވިޑް ޖެެހި، ޖުމްލަ ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4 ލައްކައަށް ވުރެ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން