އިންޑިޔާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 8 މިލިއަނަށް އަރައިފިއެވެ.

އިންޑިޔާގެ ހެލްތު މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 49،881 މީހުން ބައްޔަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 8،040،203 އަށް އަރައިފައިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިޔާގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު މަދުވެފައި ވާކަމަށް އިންޑިޔާގެ ރަސްމީ އިދާރާތަކުން ހާމަކުރުމާއެކު، ކޮވިޑްގެ ކުރިން ގައުމު އޮތް ހާލަތަށް މަޑު މަޑުން ބަދަލުވަމުން ދާކަމަށް ގިނަ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މިގޮތުން އިންޑިޔާގައި، ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް އަލުން ހުޅުވާލައި، ބަހާއި ރޭލު ދަތުރުތައް ފެށުމުގެ އިތުރުން ސިނަމާތައްވެސް މިހާރުވަނީ ހުޅުވައިލައިފައެވެ.

ނަމަވެސް، ކުރިއަށް އޮތް ފިނި މޫސުމާއި، އިންޑިޔާގެ ހިންދޫ ދީނުގެ ފެސްޓިވަލްތަކާއެކު އިންޑިޔާގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނޭ ކަމަށް އިންޑިޔާގެ ގިނަ ސިއްހީ މާހިރުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، މުޅި ދުނިޔެއިން އެންމެ ގިނަމީހުންނަށް ކޮވިޑްޖެހިފައިވާ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އަދިވެސް ހިމެނެނީ އިންޑިޔާއެވެ. މިލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާއެވެ. އެމެރިކާގައި މިހާތަނަށް 8.9 މިލިއަނަށްވުރެެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.

އިންޑިޔާގެ ހެލްތު މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި، އިންޑިޔާގައި މިހާތަނަށް، 120،527 އިންޑިޔާ މީހުން، ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ. އަދި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 8،040،203 އަށް ވަނީ އަރައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން