މިނިސްޓަރ ޢަލީ ޝަރީފް
މިނިސްޓަރ ޢަލީ ޝަރީފް
ތިމާވެއްޓާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ އޮނިގަނޑުތަކާއި، މިންގަނޑުތައް އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ބައްޓަންކުރަންވާނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ޚާއްޞަ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ ހާލަތަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމުގައި ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މިނިސްޓަރ ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮޕް ސަމިޓް (ކޮޕް17) ގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ ރިޔާސީ މަޝްވަރާ ބައްދަލުވުމެއްގައި ތަޤްރީރު ކުރައްވަމުންނެވެ.

"ފްރޮމް އެމްބިޝަން ޓު އެކްޝަން: ޑެލިވަރިންގ ރިއޯ ސިނަރޖީސް އެކްރޮސް ދަ ޓްރިޕަލް ކޮޕް އިޔަރ" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ، ރިއޯ ކޮންވެންޝަންތަކުގެ މިހާރުގެ އަދި ކުރިއަށް އޮތް ދައުރުތަކުގެ ރިޔާސަތުތައް އެއްތަންކޮށްގެން ބޭއްވުނު މުހިންމު ސެޝަނެކެވެ. މިއީ 2026 ވަނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ "ޓްރިޕަލް ކޮޕް އިޔަރ" އިފްތިތާޙު ކުރުމަށާއި، ކޮޕް31 ގެ ރިޔާސަތުގެ ދަށުން "ރިއޯ ސިނަރޖީސް ގްރޫޕް ފޮރ އެކްޝަން" އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ތިމާވެއްޓާ ގުޅޭ ބައިނަލްއަޤްވާމީ އެކި މުއާހަދާތަކާއި ކޮންވެންޝަންތަކުގެ މެދުގައި އޮންނަ ގުޅުމާއި އެއްބާރުލުން މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމާއި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަމުގެ ނިޒާމެއްގެ ބޭނުންތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ތިމާވެށީގެ ދާއިރާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތަކާއި، ބިންގަނޑު ހަލާކުވުމާއި ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު