ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 ޕަސެންޓު އެމްއެމްއޭ މެދުވެރިކޮށް މާރުކުރަން މަޖުބޫރުކުރަން އުޅޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެ މައްސަލައަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ބަލައިގަނެވެން ނެތް މައްސަލައެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި، މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުން ބަހުސް ހިނގާނެ ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ނުހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިހާރު ވެސް އެޖެންޑާކޮށްފައިވާތީ، މި މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ވަނީ ނިންމަވާފައެވެ.

މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކުރައްވާފައިވަނީ، މިހާރު އޮންނަ އުސޫލުތައް ބަދަލުކޮށް އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި މުޅި އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން ޑޮލަރު މާރުކުރުމުގެ މުއްދަތު ކުރުކުރުމާއި، މާރުނުކުރާ ފައިސާ ބޭނުންކުރާ ގޮތް ބެލުމަށް އެމްއެމްއޭއިން ތައްޔާރުވަމުންދާ ކަމަށް އެ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވާކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މަޓީން ވެސް މި ނިންމުމަކީ އަމަލީ ގޮތުން ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުނެފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ރިސޯޓުތަކުން ތެލާއި، މުވައްޒަފުންގެ މުސާރައާއި، ސާވިސް ޗާޖުގެ އިތުރުން ބޭރުގެ ލޯނުތައް ދައްކަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، އެއްވެސް މަޝްވަރާއެއް ނެތި މިފަދަ ނިންމުމެއް ނިންމުމަކީ ބޭއިންސާފެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، މި ބަދަލުގެ ސަބަބުން އިގުތިސާދަށް ގެއްލުންވުމުގެ ކުރިން، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން އިންސާފުވެރި ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މި މައްސަލަ މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް