ދިވެހިރާއްޖެއާއި ޓުވާލޫއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުން ދެޤައުމުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޓުވާލޫގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް ޕަނަޕާސީ ނެލެސޯނޭ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ މާލޭގައި މިހާރު ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އާއި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"ގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ އިޤުތިސާދީ އަދި މޫސުމީ ނާޒުކު ހާލަތްތަކުން އަރައިގަތުމާ މެދު ދެބޭފުޅުން މަޝްވަރާކުރެެއްވިއެވެ. އަދި ކްލައިމެޓް ފައިނޭންސިންގ ހޯދުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކުގެ ހަގީގީ ހާލަތަށް ރިއާޔަތްކުރާ ބައިނަލްއަޤުވާމީ މާލީ ނިޒާމެއްގެ މުހިންމުކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވުމަށް ރައީސް މުޢިއްޒު މަރުހަބާ ވިދާޅުވެ، އެއްގޮތް ގޮންޖެހުންތަކުން އަރައިގަތުމުގައި ސިޑްސްގެ މެންބަރު ޤައުމުތަކުގެ މެދުގައި ބަދަހި އެއްބާރުލުމެއް އޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

އޯގަސްޓް 23 އިން 25 އަށް ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީދޭ ފަރާތްތަކުގެ އިތުރުން ދިރާސާވެރިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުޞަދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް