ކޮންމެ ސަރުކާރަކުން ވެސް ތިނަދޫއާމެދު ޚާއްސަ އެހީތެރިކަމެއް ބެހެއްޓެވުމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް އިލްތިމާސްކުރަށްވައިފިއެވެ.

ރައީސް ޔާމިން މިކަމަށް އިލްތިމާސްކުރެެއްވީ ގދ. ތިނަދޫ ސިޓީގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި، ތިނަދޫގެ ތާރީޚުގައި އެރަށަށް ދިމާވި ހިތްދަތި ހާދިސާތަކާއި ތަހައްމަލުކުރަންޖެހުނު ބޮޑެތި މުސީބާތްތަކަށް އަލިއަޅުއްވާލެއްވިއެވެ. ރައީސް ޔާމީން އެ އިޝާރަތް ކުރެއްވީ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ޔުނައިޓެޑް ސުވާދީބް އައިލެންޑްސްގެ ނަމުގައި އުފެއްދި ވަކި ދައުލަތް ރޫޅާލުމުގެ ނަމުގައި، ކުރީގެ ރައީސް އިބްރާހީމް ނާސިރު ބޮޑުވަޒީރުކަމުގައި ތިނަދުއަށް ސިފައިން ފޮނުވައިގެން 1962 ވަނަ އަހަރު އެ ރަށް ވީރާނާކޮށްލިއިރު އެތައް ބަޔަކު ކަނޑުވެ، މަރުވި ހާދިސާއަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރަށެއްގެ ބަޔަކު ކުށެއް ކުރުމަކީ އެ ރަށެއްގެ އެންމެހާ ރައްޔިތުން އެކަމުގެ ހިތާމައާއި މުސީބާތް އުފުލަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތާއި ސަރުކާރަކުން ކޮށްދެވޭނެ އެންމެ ކުޑަމިނުގެ ކަމަކީ، ތިނަދޫއަށް ދިމާވި ކަންތައްތަކުން އަރައިގަނެ، އެރަށަށް އުފާވެރިކަމާއި، އާރޯކަމާއި، އާ ޖޯޝެއް ގެނެސްދިނުމަށް ޚާއްސަ ކަންތައްތަކެއް ކޮށްދިނުން ކަމުގައި ޔާމީން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ ހިތްދަތިކަމަށްފަހު ތިނަދޫގެ ރައްޔިތުން ދެއްކެވި ވަރުގަދަ އަޒުމަށާއި، އަލުން އެރަށް އާބާދުކޮށް އާރާސްތުކުރުމަށް ކުރެއްވި މަސައްކަތަށް ރައީސް ޔާމީން ވަނީ ސާބަސް ދެއްވާފައެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، ތިނަދޫ ރައްޔިތުން ކުރި އެ މަސައްކަތަކީ ދިވެހި ތާރީޚުން ފެންނާނެ ޙަޤީޤީ "ޤައުމީ ޖިހާދެއް" ކަމަށެވެ.

އާންމުކޮށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ މުޖުތަމައުތަކުން ހިތްވަރު އެލިގެންދިޔަ ނަމަވެސް، ތިނަދޫ ރައްޔިތުން ވަނީ އޭގެ މުޅިން ތަފާތު ރީތި މިސާލެއް ދައްކައި، އެކި ފަންނުތަކާއި ދާއިރާތަކުން ޤައުމަށްޚިދުމަތްކުރާ ގާބިލު އިލްމީ ބޭފުޅުން އުފައްދާފައިކަމަށް ވިދާޅުވެ، ތިނަދޫ ސިޓީގެ އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ތައުރީފާއި މަރުޙަބާ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު