ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫޢުގެ ދަށުން ހުށަހަޅާފައިވާ 58،585 ފޯމު ވެރިފައިކުރުމުގެ މަރުޙަލާގެ ތެރެއިން، މަޢުލޫމާތުގައި މައްސަލައެއް ނުވަތަ ފުށުއެރުމެއް އުޅޭނަމަ އެކަން މާދަމާއިން ފެށިގެން "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް އެޕްލިކަންޓުންނަށް އަންގަން ނިންމައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބިނާރާއި ގެދޮރުވެރިކަމާ އަދި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުގައި ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީ މައުލޫމާތުތަކަށް ބަލައި ސިސްޓަމުން އޮޓޮމެޓިކުން ފްލެގްކުރާ މައްސަލަތަކަށް ޖަވާބުދާރީވުމަށް އެޕްލިކަންޓުންނަށް ގިނަވެގެން 7 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ. އަދި ބައެއް އިދާރާތަކުގައި ހުރި މައުލޫމާތުތަކަކީ އަދާހަމަ ނޫން މައުލޫމާތަށް ވެސް ވެދާނެތީ، އޭގެ ޙަޤީޤަތް ބުނެދީ ސާބިތުކުރުމުގެ ފުރުޞަތު ދިނުމަކީ މި ކަމުގެ މައިގަނޑު ބޭނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިލްކުވެރިކަމުގެ މައުލޫމާތުގެ އިތުރުން ތަޢުލީމާއި، ވަޒީފާ އަދި ދަފްތަރާ ގުޅޭ މައުލޫމާތުތައް ކަށަވަރުކުރުމުގެ މަރުޙަލާވެސް މިހާރު ކުރިއަށްދާއިރު، އެޕްލިކަންޓުން ޤަވާއިދުން ޕޯޓަލް ޗެކްކުރައްވަމުން ގެންދެވުމަށް ސްޓޭޓް މިނިސްޓަރ ނާޒިމް އިލްތިމާސް ކުރެއްވިއެވެ. އަދި ކަނޑައަޅާފައިވާ 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖަވާބެއް ނުދީފިނަމަ މައުލޫމާތު ރަނގަޅުކުރުމަށް ދިން ފުރުޞަތު ބަންދުވާނެ ކަމަށާއި، ވަގުތުން މައުލޫމާތު ފޯރުކޮށްދޭން ދަތިވިނަމަވެސް އެ މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މުޢާމަލާތް ފަށަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމާޒަކީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ފޯމުތައް ވެރިފައިކުރުމުގެ އެންމެހާ މަސައްކަތްތައް ނިންމައި، ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު