ސަރުކާރުން ތައާރަފުކޮށްފައިވާ ތަކެތީގެ އަގުބަލާ ޚިދުމަތް، "އަގުމަގު ޕޯޓަލް" ގެ ބޭނުންހިފާ ފަރާތްތަކާއި އެ ޕްލެޓްފޯމުގައި ރަޖިސްޓަރީވާ ވިޔަފާރިތަކުގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާތަނަށް 2،224 ވިޔަފާރިއަކުން މި ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި މި ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ކޮންމެ ދުވަހަކު ވެސް 2،724 މީހަކު އެ ޚިދުމަތް ހޯދަމުންދާކަން ސަޢީދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި އެޕްލިކޭޝަން ޑައުންލޯޑްކުރި މީހުންގެ އަދަދު މިހާރު ވަނީ 3،300 އަށްވުރެ މަތިވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު އާންމުކުރި މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ފަސޭހަކާއެކު އަސާސީ ބާވަތްތަކުގެ އަގުތައް ބަލައި، ވިޔަފާރިތަކުގެ އަގުތައް އަޅައިކިޔޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދިނުމެވެ. ފުރަތަމަ މާލެ ސަރަހައްދުގެ ފިހާރަތަކަށް އެކަނި ހާއްސަކޮށްގެން ފެށި މި ޚިދުމަތް މިހާރު ވަނީ މޮބައިލް އެޕްލިކޭޝަނަކާއެކު މުޅި ރާއްޖެއަށް ފުޅާކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު