ގދ. ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބާއްވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތިނަދޫ ސިޓީއަށް ވަޑައިގެންފިއެވެ.

މިރޭ އިރާކޮޅު އެ ދެ ބޭފުޅުން ތިނަދޫއަށް ވަޑައިގަތުމުން އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އާބާދީ ދުވަހާ ގުޅުވައިގެން ތިނަދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރޭވިފައިވާއިރު، މައިގަނޑު ހަރަކާތެއްގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާގައި ދެ ރައީސުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރާއްޖޭގެ ދެކުނު އަތޮޅުތަކުން އުފެއްދި "ސުވަދީބު ސަރުކާރު"ގެ ހަރަކާތްތައް ހުއްޓުވުމަށް، އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ އަމުރުފުޅަށް ތިނަދޫއިން މީހުން ބާލައި، ރަށް ފަޅުކޮށްލީ 4 ފެބްރުއަރީ 1962 ގައެވެ. އޭގެ ހަތަރު އަހަރު ފަހުން، ތިނަދޫގައި އަލުން މީހުން އާބާދުވާން ފެށީ 22 އޮގަސްޓު 1966 ގައެވެ.

ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2016 ވަނަ އަހަރު ބޭއްވި ރަސްމީ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށްވެސް، އޭރުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޔާމީން ވަނީ ތިނަދޫއަށް ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު